ހުޅުމާލެ ފޭސް 2ގައި ބިނާކުރާ 2 މިސްކިތެއްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ، ހުޅުމާލެ ވިނަރެސް ފްލެޓު ސަރަހައްދުގައި ބިނާކުރާ 1095 މީހުންގެ ޖާގައިގެ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފްލެޓު ސަރަހައްދުގައިވެސް މިސްކިތެއް ބިނާކުރަމުން ދާއިރު، އެ މިސްކިތުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެއީ، 1800 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައިވެސް މިސްކިތްތައް ދަނީ އިމާރާތް ކުރަމުންނެވެ.

މާލެ ސަރަހައްދުގައި މިހާރު އެންމެ ބޮޑަށް އާބާދީ އިތުރުވަމުން އަންނަނީ ހުޅުމާލޭގައެވެ. ހާއްސަކޮށް ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ އާބާދުވަމުންނެވެ. އެހެންކަމުން އިތުރުވަމުންދާ އާބާދީއަށް އެތަނުގައި މިސްކިތްތައް އިތުރު ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

މިދިޔަ އަހަރު 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ގުރްއާން މަރުކަޒާއި، 6 ވަގުފު ބިނާއާއެކު، މުޅިއެކު 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

މިއަހަރުގެ މިހާތަނަށްވެސް ވަނީ ގިނަ އަދަދެއްގެ މިސްކިތްތަކެއް ހުޅުވާފައެވެ. އެގޮތުން 15އަށްވުރެ ގިނަ މިސްކިތް ވަނީ ހުޅުވާފައެވެ.