މި އަަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު އެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު އެންފޯސްމަންޓުގެ މަސައްކަތްތަކަކީ އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތް ކަމަށެވެ.
އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެވާ ތަކެތި ބަލާ ޗެކްކުރުމުގެ މަސައްކަތް ފުޅާކޮށްފައިވާކަން މަފާޒު ވިދާޅުވިއެވެ. މަފާޒު ވިދާޅުވީ، ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެން ކުރާ މަސައްކަތުން މި އަހަރުގެ މިހާތަނަށް އައި އިރު ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
މިގޮތުން މިއީ މިދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެއް ކަމަށް މަފާޒު ވިދާޅުވިއެވެ.
ކަސްޓަމްސްއިން ދަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކާއި ކަނޑު ބަނދަރުތައް ހިމެނޭހެން 8 ބަނދަރެއްގައި މަސައްކަތް ކުރަމުންނެވެ.
ކަސްޓަމްސްއިން ބަނދަރުތަކުގައި ކުރަމުން އަންނަ މަސައްކަތްތައް ފުޅާ ކުރުމަށްޓަކައި ދާދިފަހުން ވަނީ، މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުގެ ކިޓްތަކެއްވެސް ޙަވާލުކޮށްފައެވެ.
އިއްޔެ ޔޫއެންއޯޑީސީން ރާއްޖެއަށް ހަދިޔާ ކުރި މި ކިޓްތަކުގެ ތެރެއިން ކަސްޓަމްސްއަށް ވަނީ، 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 60 ޕޮކެޓް ކިޓްސް ޙަވާލުކޮށްފައެވެ.
މި ޓެސްޓް ކިޓުތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓުތަކެކެވެ. އަދި މި ކިޓުތައް ތައްޔާރުކޮށްފައިވަނީ، ވަގުތު ސަލާމަތްކޮށް، ސައްޙަ ނަތީޖާ ފޯރުކޮށްދިނުމުގެ އިތުރުން ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭގޮތަށެވެ. މި ޓެސްޓް ކިޓުތަކަކީ، އާއްމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތް ޓެސްޓް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ ކިޓުތަކެކެވެ.