ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ސަރަހައްދުގެ ޝަރަފުވެރި ހަ ދާއިރާއަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
މި އެވޯޑުތަކަށް ވޯޓުލުމުގެ މަރުހަލާ މިހާރު ފެށިފައިވާއިރު، ދިވެހި ރައްޔިތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ބައިނަލްއަގުވާމީ ވިޔަފާރިވެރިންނާއި ފަތުރުވެރިންނަށް ވޯޓުލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް އިތުބާރު ދެމެހެއްޓުމަށް، ދުނިޔޭގެ ފެންވަރުގައި ލިބޭ މިފަދަ ކާމިޔާބީތައް މުހިންމު ރޯލެއް އަދާކުރާކަން ވިޒިޓް މޯލްޑިވްސްއިން ވަނީ ފާހަގަކުރައްވާފައެވެ.
2026 ވަނަ އަހަރު ދިވެހިރާއްޖެ ނޮމިނޭޓްވެފައިވާ ދާއިރާތަކަކީ:
އިންޑިއަން އޯޝަންސް ލީޑިންގް ޑެސްޓިނޭޝަން 2026
- އިންޑިއަން އޯޝަންސް ލީޑިންގް ބީޗް ޑެސްޓިނޭޝަން 2026
- އިންޑިއަން އޯޝަންސް ލީޑިންގް ޑައިވް ޑެސްޓިނޭޝަން 2026
- އިންޑިއަން އޯޝަންސް ލީޑިންގް ގްރީން ޑެސްޓިނޭޝަން 2026
- އިންޑިއަން އޯޝަންސް ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން 2026
- އިންޑިއަން އޯޝަންސް ލީޑިންގް ޓޫރިސްޓް ބޯޑް 2026
މި ދާއިރާތަކަށް ރާއްޖެ ހޮވުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ރާއްޖެއަށް ލިބިފައިވާ މަގާމު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ކުރިއެރުން ހާމަކޮށްދޭ ހެއްކެއް ކަމުގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
1993 ވަނަ އަހަރު ތައާރަފުކުރެވުނު ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މިއީ މި ސިނާޢަތުގެ އެންމެ މަތީ ފެންވަރު ރަމްޒުކޮށްދޭ، އަދި ހުރިހާ ދާއިރާއަކުން ހޯދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގުވަޒަންކޮށް ދެވޭ އެވޯޑެކެވެ.