ރާއްޖޭގައި މަސްތުވާތަކެތި ފެތުރުން ހުއްޓުވުމަކަށް ގެނައުމަށްޓަކައި، ޔޫއެންއޯޑީސީން ހަދިޔާ ކޮށްފައިވާ ޑްރަގް ޓެސްޓް ކިޓްތައް ކަސްޓަމްސްއާއި ފުލުހުންނަށް ޙަވާލުކޮށްފިއެވެ.
މިއީ މިދިޔަ ޖެނުއަރީ މަހު ޔޫއެންއޯޑީސީން ނޭޝަނަލް ޑްރަގް އޭޖެންސީއަށް ހަދިޔާކޮށްފައިވާ ކިޓުތަކެކެވެ. މި ތަކެތި ފުލުހުންނާއި ކަސްޓަމްސްއަށް ޙަވާލުކުރުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
ކަސްޓަމްސްއާއި ފުލުހުންނަށް މިތަކެތި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ، ފެކްޓްރީތަކުގައި ތައްޔާރު ކޮށްގެން އުފައްދާ މަސްތުވާތަކެތި އާންމުވަމުންދާ ކަމަށެވެ. މިއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން އެކަމުން ސަލާމަތް ކުރުމަށް މީގެ ކުރިން ބޭނުން ކުރަމުންދާ އުކުޅުތައް ބަދަލުކުރަންޖެހޭ ކަމެށެވެ. ނަމަވެސް ދުނިޔޭގައިވެސް މިފަދަ މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ނެތުމުން ރާއްޖޭގައި އެފަދަ މީހުންނަށް ފަރުވާދިނުމަށް އެހެންް ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ.
ޔޫއެންއޯޑީސީއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޓެސްޓް ކިޓުތަކުގެ ތެރޭގައި ހިމެނެނީ، 30 ޑްރަގް ޓެސްޓް ކިޓާއި، 30 ޕްރިކާސާރ ކެމިކަލް ކިޓުގެ އިތުރުން 180 ޕޮކެޓް ކެމިކަލް ޓެސްޓް ކިޓެވެ.
މީގެއިތުރުން ޓެސްޓް ކިޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ވީޑިއޯތައް ހިމެނޭ 5 ޔޫއެސްބީ ޑްރައިވްވެސް ވަނީ ހަދިޔާ ކޮށްފައެވެ. މީގެ ތެރެއިން ކަސްޓަމްސްއަށް ވަނީ، 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 60 ޕޮކެޓް ކިޓްސް ޙަވާލުކޮށްފައެވެ. މީގެ އިތުރުން 40 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 120 ޕޮކެޓް ކިޓް ފުލުހުންނާ ޙަވާލުކޮށްފައިވެއެވެ.
އެންޑީއޭއިން ވިދާޅުވީ، މި ޓެސްޓް ކިޓުތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓުތަކެއް ކަމަށެވެ. އަދި މި ކިޓުތައް ތައްޔާރުކޮށްފައިވަނީ، ވަގުތު ސަލާމަތްކޮށް، ސައްޙަ ނަތީޖާ ފޯރުކޮށްދިނުމުގެ އިތުރުން ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ގޮތަށް ކަމަށް އެންޑީއޭއިން ވިދާޅުވިއެވެ. މި ޓެސްޓް ކިޓުތަކަކީ، ޢާއްމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތް ޓެސްޓް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ ކިޓުތަކެކެވެ.