ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރައްވައިފިއެވެ.
މި ކަދުރު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ރަސްމީކޮށް ޙަވާލުކުރެއްވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.
މި ރަސްމިއްޔާތުގައި ސައުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ޙަވާލުކޮށްދެއްވީ، އެޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. އަދި އެ ވުޒާރާގެ ފަރާތުން ކަދުރާއި ޙަވާލުވެލެއްވީ، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ރާއްޖެއަށް ކަދުރު ހަދިޔާ ކުރުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ، ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތަޢާރަފްކުރި ހިސާބުން ފެށިގެން މިވީ 22 އަހަރުގެ ތެރޭގައި ރާއްޖެއަށް މެދުކެނޑުމެއް ނެތި ކަދުރު ހަދިޔާކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
ސައުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއަށް 10 ޓަނުގެ ކަދުރު ހަދިޔާ ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ވުޒާރާގެ ފަރާތުން ވަނީ، ކަދުރުތައް އެކި ދާއިރާތަކަށް ހަދިޔާ ކުރައްވާފައެވެ.