ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި 4،114 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ޖޫން މަހުގެ 6 އެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިހާރު އާންމުކޮށްފައެވެ. މި ރަޖިސްޓްރީ ގެޒެޓާއި އައްޑޫސިޓީ ހިތަދޫ އަވަށު އޮފީހުގައި އާންމުކޮށްފައިވާއިރު ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ މިހާރު ހުޅުވާލާފައެވެ.
ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވަނީ މި މަހުގެ 27 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.
އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ، ރަޖިސްޓަރީއަށް މީހަކު އިތުރުކުރުން ނުވަތަ ރަޖިސްޓަރީން މީހަކު އުނިކުރުން ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުން ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ޖެހޭނީ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.
މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ސުޕްރީމް ކޯޓުން ޙުކުމްކުރުމާ ގުޅިގެން އެ ގޮނޑި ހުސްވެފައިވާތީ އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް ހުޅުވާލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާއަށް 2024 ވަނަ އަހަރު އިންތިޚާބު ކުރެވުނު މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ހުކުމާއެކުގައެވެ. ސިނާން ވަނީ އެ ދާއިރާއަށް އަލުން ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.