ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލާއެކު ދާހިލީ ސަލާމަތާބެހޭ ވުޒާރާގެ ދަށަށް 9 އިދާރާއެއް ބަދަލުކޮށްފިއެވެ.
ރައީސް ވުޒާރާތަކަށް ގެންނެވި ބަދަލާއެކު ކުރިން ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ މެންޑޭޓަށް ބަދަލުތަކެއް އައިސް، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނަން ވަނީ ބަދަލުކުރައްވާފައެވެ. މިއާއެކު ކުރިން މަތީތައުލީމާ ގުޅުންހުރި ވުޒާރާގެ ބައެއް މަސައްކަތްތައް ދާހިލީ ވުޒާރާގެ ދަށަށް ވަނީ ބަދަލުވެފައެވެ.
ބަދަލުތަކާއެކު ދާހިލީ ސަލާމަތާބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައިވާ އިދާރާތަކަށް ބަލާލާއިރު، މޯލްޑިވްސް އިމިގްރޭޝަން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރު، ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ، ލޭބާ ރިލޭޝަންސް އޮތޯރިޓީ، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް ޑިޖިޓަލް ސާވިސް އަދި ނޭޝަނަލް ކެރިއާސް ސާވިސް ހިމެނެއެވެ.
މި އިދާރާތަކުގެ ތެރެއިން ނޭޝަނަލް ކެރިއާސް ސާވިސް އަކީ ދާހިލީ ވުޒާރާގެ މެންޑޭޓަށް އައި ބަދަލުތަކާއެކު އެ ވުޒާރާގެ ދަށަށް ބަދަލުވި އިދާރާއެކެވެ. މީގެ ކުރިން މި އިދާރާ ހިންގަމުން އައީ މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާގެ ދަށުންނެވެ.
ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރަކަށް ރައީސް އައްޔަން ކުރައްވާފައިވަނީ ދާހިލީ ވަޒީރަކަށް ކުރިންވެސް ހުންނެވި އަލީ އިހްސާނެވެ.