މޫސުން ގޯސްވެ، ރާއްޖޭގެ އުތުރާ މެދު ރާއްޖެތެރެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުދު ސަމާލު، ހއ.އަތޮޅުން ފެށިގެން ދ.އަތޮޅަށް ނެރެފައެވެ. ސަމާލު ނެރެފައިވަނީ މެންދުރު 01:00 އާ ހަމައަށެވެ.
ވަރަށް ހޫނު ގަދަ ދުވަސްތަކަކަށް ފަހު، ވޭތުވެދިޔަ 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރަން ވަނީ ފަށާފައެވެ.
މީގެ އިތުރުން މިވަގުތު މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހެމުން ދާއިރު، ކުޑަވަގުތުކޮޅެއްތެރޭ ބޯކޮށް ވާރެ ވެހުމުގެ ސަބަބުން، މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ.
އެގޮތުން މާލެ، މާފަންނު ސަރަހައްދުގައި ހުރި ޕަމްޕް ބޭނުންކޮށްގެން އެ ސަރަހައްދުން ދަނީ ފެން ހިއްކަމުނެވެ.
ވިއްސާރަ ނަމަވެސް، ވަޔާއި ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެއެވެ. ވައި ޖެހެނީ 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު އިތުރަށް ގަދަވާނެކަމަށް ލަފާކުރެއެވެ.
ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށް މެޓުން ބުނެއެވެ. ރާއްޖެއަށް ހުޅަނގު މޫސުން ފަށޭނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށާއި މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ވިއްސާރަކަމަށް މެޓުން މައުލޫމާތުދީފައިވެއެވެ.