ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ޕްރޮގްރާމްތައް ތަރައްޤީ ކުރާ "އެމްޕަވަމަންޓް ހަބް"ގެ މަސައްކަތް ނިންމާ، ޖުލައި މަހު އެތަނުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ބުނެފިއެވެ.

މިއީ ރަސްމީ ތައުލީމު ނިންމުމަށްފަހު މުޖުތަމައުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްގީ ކުރުމަށާއި، މަސައްކަތުގެ ތަޖުރިބާއާއި، އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ފުރުސަތުތައް ހޯދައިދިނުމަށް ގާއިމު ކުރާ މަރުކަޒެކެވެ.

މި ހަބުގައި ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާއާއި، ރީޓެއިލް މަސައްކަތުގެ ތަމްރީނާއި، އައިޓީ ދާއިރާގެ ތަމްރީނުތައް ހިމެނެއެވެ. އަދި އަތްތެރި މަސައްކަތް ފަދަ އެކި ފަންނީ ހުނަރުވެރިން ބިނާކުރުމުގެ ގޮތުން ތަފާތު ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން ބައިވެރިން ތައްޔާރު ކުރާ އަތްތެރި މަސައްކަތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ހާއްސަ ޖާގައަކާއި، އެ ތަކެތި ވިއްކުމަށް ފިހާރައެއް ގާއިމްކުރާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލު ކުރާ މަދަނީ ޖަމިއްޔާތަކުން ހިންގާ އެކިއެކި ހަރަކާތްތަކާއި، ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ޖާގައަކާއި، އެފަދަ މީހުންނަށް އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެއެވެ.

މި މަރުކަޒު ފަރުމާ ކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ތަން ބޭނުން ކުރެވޭ ގޮތަށް ކަމަށް ވީއިރު، ފުރޮޅުލީ ގޮޑި ބޭނުންކުރާ މީހުންނާއި، ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް ޓެކްޓައިލް ޕާތުވޭ ހިމެނެއެވެ. އަދި ފާހާނައާއި ނަމާދު ކޮޓަރިއާއި، އޯޓިޒަމް ހުންނަ ފަރާތްތަކަށް "ސެންސަރޫ ރޫމް"އެއްވެސް ގާއިމުކޮށްފަވެއެވެ.

މި މަރުކަޒު ވެގެންދާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު، މާނަހުރި ގޮތެއްގައި މުޖުތަމައުގައި ބައިވެރިވާނެ އެތައް ފުރުސަތުތަކެއް ފަހި ކޮށްދޭނެ މަރުކަޒަކަށެވެ.

މީގެ އިތުރުން ސްކޫލު ދައުރު ނިންމާ ކުދިންނަށް ބޭނުންވާ އެކި ހުނަރުތަކާއި، ވަޒީފާގެ ބާޒާރަށް ނެރުމުގެ ގޮތުން ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތް ކުރާ އެކި ޖަމިއްޔާތަކާ ގުޅިގެން ތަފާތު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ ފުރަތަމަ މަރުކަޒަށެވެ.

މި މަރުކަޒު ގާއިމުކުރަނީ، ހުޅުމާލެ ފޭސް 2ގެ އަމާން އުދަރެސް 7 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައެވެ. ސެންޓަރުގެ މަސައްކަތް ފެށީ، ޖެނުއަރީ މަހުއެވެ.

މި މަރުކަޒަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޒަކާތު ފަންޑުން ހަރަދުކޮށް، އިޖުތިމާއީ ތަރައްގީއާއި ބެހޭ ވުޒާރާއާއި އެފްޑީސީ ގުޅިގެން ހަދަމުންދާ މަރުކަޒެކެވެ. މި ތަނުގައި މިހާރު ކުރަމުންދަނީ، އިމާރާތް ރޭނުގެ މަސައްކަތްތަކެވެ.