ތިނަދޫ ސިޓީގައި ގާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ މަސައްކަތް ނިންމާ، މިއަހަރުތެރޭ ހިދުމަތް ފަށާނެކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަހްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެ ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ހުވަދުއަތޮޅަކީ ނަފްސާނީ ފަރުވާއަށް ބޭނުންވާ ވަރަށް ގިނަ އާއިލާތައް ދިރިއުޅެމުންދާ އަތޮޅެއް ކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، ވަކިން ހާއްސަކޮށް ތިނަދޫއަކީ އެލާމިން ލެވެލެއްގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވޭ ރަށެއްކަމަށެވެ.

ރިކޯޑްސްތަކުން ދައްކާގޮތުގަ ތިނަދޫއަކީ އެލާމިން ލެވެލްއެއްގަ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވިފައިވާ ރަށެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ އެކަމަށް ހާއްސަކޮށް ފަރުމާކުރެވިގެން ހިދުމަތްދެވޭނެ ފެސިލިޓީއެއް ގާއިމްކުރުން"

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަހްމަދު އަޝްރަފް

މީގެ އިތުރުން މިހާރުވެސް އެފަދަ ފަރުވާ ހޯދުމަށް ގިނަބަޔަކު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އަންނަކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް އެކަހަލަ މައްސަލަތައް ހުންނަ މީހުންގެ ތެރޭގައި ސްކޫލްކުދިން ގިނަކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫގައި ގާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ އަމަލީ މަސައްކަތް މިހާރު ފެށިފަވާކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، މިއަހަރުތެރޭ ހިދުމަތަށް ގެނައުމަށް މަސައްކަތްކުރަމުންދާކަަމަށެވެ. އަދި ހިދުމަތް ފެށޭއިރު އިމާރާތެއްގެ އިތުރުން، އެކަމަށް ހާއްސަ ޑޮކްޓަރުންވެސް ގެނެވޭނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

މިއަހަރުތެރޭގަ ހިދުމަތަށް ގެނެވޭވަރަށް މަސައްކަތްކުރަމުންމިދަނީ. އިމާރާތުގެ މަސައްކަތް މިހާރު ފެށިފަ އެހެރީ. އަޅުގަނޑުމެން ފޭސްތަކަކަށް ބަހާލައިގެން މަސައްކަތް އަވަސްކުރުމުގެ ގޮތުން މަސައްކަތް ކުރަމުންމިދަނީ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާފަ ހިދުމަތް ފަށާނަން. ހިދުމަތް ފަށާއިރުގަ ހަމައެކަނި އިމާރާތެއް އެކަންޏެއް ނޫން އެކަމަށް ހާއްސަ ޑޮކްޓަރުންވެސް ގެނެވޭނެ"

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަހްމަދު އަޝްރަފް

ތިނަދޫ ގާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކާއެކު ހާއްސަކޮށް ތިނަދޫގައި ދިރިއުޅޭ ފަރާތްތަކަށާއި، ހުވަދުއަތޮޅުގައި ދިރިއުޅޭ ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާހޯދުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.