ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު "މިނިސްޓްރީ އޮފް ޑިފެންސް"ގެ ނަން، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް"ގެ ނަމަށް ބަދަލުކުރައްވައިފިއެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ރައީސް މުއިއްޒު، "މިނިސްޓްރީ އޮފް ޑިފެންސް"ގެ ނަން، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް"ގެ ނަމަށް ވަނީ ބަދަލުކުރައްވާފައެވެ.
މިކަން އިއުލާންކުރައްވާފައިވަނީ، ރައީސްގެ އޮފީހުން ޝާއިއުކުރެއްވި، ނަންބަރު 2026/10 ދެންނެވުމުންނެވެ.
މިނިސްޓްރީ އޮފް ޑިފެންސްގެ ނަން، މިގޮތަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ މިނިސްޓްރީއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ، "ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާ" އެވެ.
މީގެއިތުރުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެހުމުގައި، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް" އަށް ލިޔާ ސިޓީގައި ޖަހަމުން ގެންދާނީ، މިހާތަނަށް މިނިސްޓްރީ އޮފް ޑިފެންސަށް ހަމަޖައްސައިފައިވާ ނަންބަރު 28 އަށް ކަމަށް މައުލުމާތުދެ އެވެ.
ރައީސް ވަނީ ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ވަޒީރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވާފައެވެ.
ރައީސްގެ އޮފީހުގައި ވަޒީރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.އެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުަހައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
މި މަގާމުގައި ކުރިން ހުންނެވީ މުހައްމަދު ގައްސާން މައުމޫންއެވެ. ނަމަވެސް އޭނާ ވަނީ އޭޕްރިލް 14 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާދެއްވާފައެވެ.
އޭޕްރީލް 14 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާއެކު ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ކުރިން ވަޒީރުންގެ މަޖިލީހުގައި ތިއްބެވި 20 ވަޒީރުން ވަނީ 15ށް މަދުކުރައްވާ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަވާފައެވެ. މީގެތެރެއިން 14 ވަޒީރަކު ވަނީ ހުވާކުރައްވާފައެވެ. އެހެންކަމުން އެޓާނީ ޖެނެެރަލް އަހުމަދު އުޝާމް އާއެކު މިހާރު ކެބިނެޓްގައި ތިއްބަވާ 15 ވަޒީރުން މިވަނީ ކަނޑައަޅުއްވާފައެވެ.