ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެގެން އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ބުރިކޮށްލައިފައި ވާކަމަށް ފުލުހުން މައުލޫމާތުދެއެވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިޔަރުގެ ހަމަލާ ލިބުނު ފަތުރުވެރިޔާއަކީ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށް ޔޫކޭގެ ނޫހެއް ކަމަށްވާ 'ޑެއިލީ މެއިލް' އިން ރިޕޯޓުކޮށްފައިވެއެވެ. އަދި އޭނާއަށް މިހާރު ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެނޫހުން ވަނީ އެ ފަތުރުވެރިޔާއަކީ އޭނާގެ އަނބިމީހާއާއެކު ހަނީމޫން ދަތުރަކަށް އައިސްއުޅުނު ދެމަފިރިން ކަން ފާހަގަކޮށްފައެވެ.

ކޫއްޑޫ ކައިރީގައި 'ޝާކް ޕޮއިންޓް' އެއް އޮންނަ އިރު އެއީ ފަތުރުވެރިންގެ މަގުބޫލުކަން ލިބިފައިވާ މަންޒިލެކެވެ.