ތ. ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު ފެށީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ގާދިއްފުށީ ކައުންސިލުން މިއަދު މިހެން ބުނެފައި މިވަނީ އިދިކޮޅު ފަރާތްތަކުން އެގޮތަށް ތުހުމަތު ކުރަމުން އަންނާތީ ރައްޔިތުންނަށް ހަޤީގަތް ހާމަކޮށްދިނުމުގެ ގޮތުން ވީމީޑިއާއަށް ދިން މައުލޫމާތުގައެވެ.
ގާދިއްފުށީ ކައުންސިލުން ބުނީ އެ ރަށު ބިންހިއްކުމުގެ މަޝްރޫއަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި އެ ރަށައް ކޮށްދިނުމަށް ވައުދު ވެފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ "މެންދުރު އިރުފަދައިން" ހާމަވާންއޮތް އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
މިކަމަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެ ކައުންސިލާއި ހިއްސާކޮށްފައިވާ ކަމެއްނޫން ކަމަށްވެސް އެ ގާދިއްފުށީ ކައުންސިލުން ބުނެފައި ވެއެވެ. އެ ކައުންސިލުން ބުނީ މިހާރު މަސައްކަތްފެށި ބާރު ސްޕީޑްގައި ކުރިޔަށްދާ މި މަޝްރޫޢުގެ ހުރިހާކަމެއް ކުރިޔަށް ގެންގޮސްފައިވަނީ އަދުގެ ސަރުކާރުން ކަމަށެވެ. އަދި މި މަސައްކަތަކީ ކުރީގެ ސަރުކާރުން ބަޖެޓް ހަމަޖެހިގެން ކުރަން ނިންމާފައިވާ މަސައްކަތެއްކަން ދެއްކުމަށްޓަކައި، ރައްޔިތުންނަށް އޮޅުވާލުމަށް އަދި ފިތުނަ އުފެއްދުމަށް މިފަދަ ދޮގު ތާކުން ތާކު ނުޖެހޭ ވާހަކަތައް ނުފެތުރުމަށް އިދިކޮޅު ފަރާތްތަކަށް ގާދިއްފުށީ ކައުންސިލުން ވަނީ ގޮވާލާފައެވެ.
ގާދިއްފުށީ ކައުންސިލުން ބުނީ އެ ރަށުގައި ބިންހިއްކުމާއި ގުޅޭ ކޮންސެޕްޓާއި ކަމާއި ގުޅޭ ހުރިހާ މުޢާމަލާތެއް ކޮށްފައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރުގައި ކަމަށެވެ. އަދި އެ ކޮންސެޕްޓް އެޕްރޫވްކޮށް ކައުންސިލުން ފާސްކޮށް ކައުންސިލްެ ތައްގަނޑު ޖަހައި މިނިސްޓްރީ އޮފް ހައުސިންއަށް ފޮނުވީވެސް އެ ކައުންސިލްގެ 4 ވަނަ ދަރުގައި ކަމަށް ގާދިއްފުށީ ކައުންސިލުން ބުނެފައި ވެއެވެ.
އަދުގެ ސަރުކާރަކީ ވަކި ފިކުރަކަށް ބެލުމެއްނެތި ރާއްޖޭގެ ހުރިހާ ތަރައްޤީގެ ގިނަ މަސްރޫޢުތަކެއް ހިންގަމުންދާ ރައްޔިތުންނަށް އޯގާތެރި ސަރުކާރެއްކަން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމަށްޓަކައި އަދުގެ ސަރުކާރަށް ގާދިއްފުށީ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ވަރަށް އިހްލާސްތރިކަމާއި އެކު އެ ކައުންސިލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ. އެހެންކަމުން މިފަދަ ދޮގުމައުލޫމާތު ނުފެތުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި މަހުގެ 10 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 10 ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އެ މަޝްރޫޢަށް 110.5 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.
ގާދިއްފުށްޓަކައި ބިން އިތުރުކޮށްދީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ އެ މަނިކުފާނު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުފައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ.