މާލެ އާއި އައްޑޫގެ ކައުންސިލަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަށްރަށާއި ސިޓީތަކުގެ މަގުތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމަކީ ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި ކައުންސިލްތަކުން އެ ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ.

މެމްބަރު އަހުމަދު ދީދީ މިނިސްޓަރާ ކުރެއްވި ސުވާލުގައި ވަނީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ފެށޭނީ ކޮންއިރަކުތޯ އައްސަވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ލިންކް ރޯޑްގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަައިވާ ކަމަށާއި އެ ކުންފުނިން ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށެވެ. ކައުންސިލްތަކަށް ފާޑުވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވުމަށް ފަހުގަ އެވެ.

"ތިޔަބޭފުޅުން ތިޔައީ ރައްޔިތުން އިންތިހާބުކޮށްފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ސަރުކާރުގެ މިނިސްޓްރީއެއްގެ ޒިންމާއެއް ނޫން ރަށްރަށުގައި ހުންނަ މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެއީ އެެރަށެއްގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލެއްގެ ޒިންމާއެއް. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައި ހެން"

ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

އައްޑޫ ސިޓީ ކައުންސިލަށް ފާޑުވިދާޅުވުމަށް ފަހު މާލޭ ސިޓީކައުންސިލަށް ވެސް މިނިސްޓަރު ފާޑުވިދާޅުވި އެވެ.

"މަގެއް ހަލާކުވީމާ މަގަކަށް ކަމެއް ވީމާ ވެސް ދައުލަތުން މި ޖެހެނީ އެކަން ކޮށްލައިދޭން. ކޮބައިތޯއޭ ދައުލަތުން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލަށް ދިނީމާ އޭގެ ފައިދާއެއް ކޮބައިތޯއޭ؟ ކައުންސިލުން ހަމައެކަނި ތިބެންވީތޯއޭ ރައްޔިތުންނާ ވާހަކަދައްކާ ބައެއްގެ ގޮތުގައި؟ ކޮންކަމެއްތޯއޭ ކުރަނީ؟"

ވަޒީރު ވަނީ މާލޭގެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރަން ސަރުކާރުން ހިންގާ މަޝްރޫއަށް މާލޭ ސިޓީކައުންސިލުން އެއްބާރުލުން ނުދިން ކަމަށްް ވެސް ތުހުމަތުކުރެެއްވާފައެވެ. އެގޮތުން މާލޭގެ އުތުރުފަރާތުން އެ މަގު ފުޅާކުރަން މަސައްކަތް ކުރި އިރު އެތަނުގައި ހުރި މާރުކޭޓެއް ނަގަން އެދި ކައުންސިލަށް އެތައް ސިޓީއެއް ފޮނުވި ނަމަވެސް އެކަން ނުކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ އުތުރުފަރާތުގައި މާރުކޭޓެއް އަޅަން ބަޔަކާ ހަވާލުކޮށް، އަމަލީ މަސަައްކަތް ފަށަންވެގެން ފޮނުވި ސިޓީއަށް ކައުންސިލުން ޖަވާބެއް ނުދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.