ލ. ގާދޫގައި ބަންކަރިން ހިދުމަތް ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ސަރަހައްދީ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ލާމު އަތޮޅު ގާދޫގައި ބަނދަރަކާއި ބަންކަރިން ހިދުމަތް ގާއިމުކުރުމަކީ ރައީސްގެ ވައުދެއް ކަމަށެވެ.
އެގޮތުން ގާދޫ ސަރަހައްދުގައި ބަނދަރަކާއި ބަންކަރިން ހިދުމަތް ގާއިމްކުރުމަށް ޝައުގުވެރިވި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ވަޒީރު ވިދާލުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރަހައްދީ ބަނދަރުތައް ތަރައްގީކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ، ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑެތި ބޯޓުފަހަރަށް ބޭނުންވާވަރަށް ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ކީ-ވޯލްއަށް ގެންނަންޖެހޭ ބަދަލުތަކާއެކު، ބަނދަރަށް ޖާގަ އިތުރުކުރުމަށްޓަކައި ބިން ހޯދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، އެތަނަކީ ޑިއުޓީ ފްރީ ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ގިނަ އަދަދަކަށް ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ބަނދަރަށް އިތުރު ބަދަލުތައް ގެނައުމަށް ބައެއް ފަރާތްތަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އެކަންކަން މިހާރު ހުރީ އިބްތިދާއީ މަރުހަލާގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ހިތަދޫ ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑުކުރުމާއި އިތުރު ހިދުމަތްތައް ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި އައްޑޫއަށް ސީދާ ކޮންޓޭނަރު ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.