"މޯލްޑިވްސް 2.0" ގެ މަގުޗާޓު ތަންފީޒުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެ ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ މައިންޑްކޯއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިތުރުން މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެންނެވެ.

އެގޮތުން ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުންނާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައި ވެއެވެ. ައެ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަމުން މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ، މޯލްޑިވްސް 2.0 ފަދަ މުހިންމު މަސައްކަތްތަކުގައި ދައުލަތަށް ޓެކްސް ދައްކާ އަދި އިޤްތިޞާދު ކުރިއެރުވުމުގައި ހިއްސާވާ ފަރާތްތަކަށް ތަރައްގީގެ މަންފާ ފޯރުކޮށްދެވިއްޖެނަމަ، އެ ފަރާތްތަކުގެ އީޖާދީ އައު ވިސްނުންތަކާއި އުފެއްދުންތެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށެވެ.

ސަރުކާރާއި ސަރުކާރުގެ އިދާރާތަކަކީ މިފަދަ ކަންކަމަށް މަގުފަހިކޮށްދޭ އަސާސީ ބިންގާ އަދި ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ މިފަދަ މުހިންމު ސިޔާސަތުތައް ތަންފީޒުކުރާއިރު އަމިއްލަ ދާއިރާއާ ގުޅިގެން މަސައްކަތްކޮށް، އެ ފުރުސަތުތައް ފަހިކޮށްދޭން ބޭނުންވާ ކަމަށް ސައީދާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިޤްތިޞާދީ ކުރިއެރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ އެހީތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ސައީދާ ވަނީ ފާހަގަކުރައްވާފައެވެ.

"ކޯ-ކްރިއޭޓިންގް ޕިލަރ - 8- ޕްރައިވެޓް ސެކްޓަރ ޑައިލޯގް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ މަގުޗާޓުގައި ހިމެނޭ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމާއި އީޖާދީ މަސައްކަތްތަކާ ގުޅޭ އަށްވަނަ ތަނބަށް ޚާއްސަކޮށްގެން ބޭއްވި ހަރަކާތެކެވެ.