އިޒްރޭލާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރަކަށް މަގުފަހިކުރެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހުޅަނގު އޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސައުދީ އަރަބިއްޔާ، ގަތަރު އަދި ތުރުކީއަށް ހަތަރު ދުވަހުގެ ޑިޕްލޮމެޓިކް ދަތުރުފުޅެއްގައި ވަނީ ފުރާވަޑައިގެންފައެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހާމަކުރާގޮތުގައި ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ޝެހްބާޒް ކުރައްވާ އެ ދަތުރުފުޅުގައި ރަސްމީ ބައްދަލުވުންތައް ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތައް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުއްޓާލުމަށް ފަހު ދެ ހަފުތާގެ މުއްދަތަށް ދެމިގެން ދިޔަ ހަނގުރާމަ ހުއްޓާލުމަށް ފަހު މަޝްވަރާ ކުރުމަށް ޝެހްބާޒް ޝަރީފު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ޒަރްދާރީ ވަނީ ސުލްހައިގެ މަސައްކަތް ދެމެހެއްޓުމަށް އެމެރިކާ އާއި އީރާން ފަދަ ބޮޑެތި ބާރުތަކާ އެކު މަސައްކަތް ކުރުމަށް ބޮޑުވަޒީރާއި އެހެން އޮފިޝަލުންނަށް ގޮވާލައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އދ އިން ވަނީ ޝެހްބާޒް ޝަރީފުގެ މަސައްކަތަށް ތާއީދު ކުރައްވާފައެވެ.
އެމެރިކާ-އީރާން ހަނގުރާމައިގެ ސުލްހައަށް މަގުފަހި ކުރުމަށް ކުރައްވާ އެ ދަތުރުފުޅުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންތަލްޔާ ޑިޕްލޮމަސީ ފޯރަމްގެ ހަވާސާގައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުން ގެންދިޔަ ހަނގުރާމައިގާ ސުލްހަވެރި މަގެއް ހޯދުމަށްޓަކައި ޕާކިސްތާނުން އިސްނަގައިގެން ކުރި މަސައްކަތުގައި ދެހަފުތާގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލަން އެއްބަސްވެވި ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި އެމެރިކާއާއި އީރާނުން 21 ގަޑިއިރުވަންދެން މަޝްވަރާތައް ކުރިއެވެ. އެ ހިސާބުން އެމެރިކާ ވަފުދުގެ އެންމެ އިސްކޮށްހުންނެވި ނައިބު ރައީސަށް ޖޭ ޑީ ވޭންސް އަށް ލިބިވަޑައިގެންނެވި ފޯން ކޯލްއަކާއެކު އީރާނުގެ ސަބަބުން ވާހަކަތައް ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ މި މަހުގެ 12 ވަނަ ދުވަހު ކުއްލިއަކަށް އެނބުރި އެމެރިކާއަށް ވަޑައިގަތީއެވެ.