ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޠަނީ ހިދުމަތުގެ ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުހައްމަދެވެ.

މިއީ ގައުމަށާއި މުޖުތަމައަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް މަސައްކަތުގެ ދާއިރާގައި ހިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަޠަނީ ހިދުމަތުގެ ޕްރޮގްރާމް ތައާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ބިލު ގާނޫނަކަށް ވުމުން މިހާރު ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމާއެއްގޮތަށް އަސާސީ ތައުލީމާއި ތަމްރީން ކޯހަކާއި ދައުލަތުގެ ޔުނިފޯމް އެޅި ހިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ހިދުމަތެއްގައި މަސައްކަތް ކުރުމުގެ ބައި ހިމެނޭހެން ޕްރޮގްރާމެއް ހިންގަންޖެހޭނެއެވެ.

މި ޕްރޮގްރާމް ވާންޖެހޭނީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ ޝިއާރުތަކަށް އިހްތިރާމްކޮށް، ގައުމުދެކެ ފަހުރުވެރިވާ ގައުމިއްޔަތަށް އިސްކަންދޭ ޒުވާނުންތަކެއް ބިނާކުރެވޭނެ ޕްރޮގްރާމަކަށް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޕްރޮގްރާމުގައި އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު 18 އަހަރުނުވާ ކުޑަކުއްޖަކު ޕްރޮގްރާމުގައި ބައިވެރިކުރުވޭނީ ބެލެނިވެރިޔާގެ ހުއްދައާއެކު އެ ކުއްޖަކު ބޭނުންވެގެންކަން ވަނީ ބަޔާންކޮށްފައެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ޒުވާނުންނަށް އެ ފުރުސަތު ލިބޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ މެޑިކަލް އެސެސްމަންޓް ފުރިހަމަކޮށް، ފާސްވުމުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބަޔާން ކޮށްފައެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ވަޠަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންގެ އަސާސީ ތައުލީމާއި ތަމްރީނުގެ މުއްދަތުގައި ހުރުމާއި ކެއުމާއި ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ހަރަދު ދިފާއީ ވުޒާރާއިން ހަމަޖައްސައިދޭންޖެހޭނެއެވެ. އަދި އެކަށީގެންވާ އިނާޔަތެއްވެސް ދޭންވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ވަޠަނީ ހިދުމަތުގެ ޕްރޮގްރާމުގެ އަސާސީ ތައުލީމާއި ތަމްރީން ފުރިހަމަ ކުރާ ޒުވާނުން ޔުނިފޯމް އެޅި ހިދުމަތެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. މި މަސައްކަތުގެ މުއްދަތު 1 އަހަރަށްވުރެ ދިގުނުވާ ގޮތަށް ވަކި ހިދުމަތެއް ކަނޑައަޅާނީ އެކަމަށް ހާއްސަކޮށް އެކުލަވާލާ ގަވަރނިން ކައުންސިލުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަސައްކަތުގެ މުއްދަތު ހަމަވުމުން ޔުނިފޯމު އެޅި ހިދުމަތްތަކަށް އެ ޒުވާނުންނަށް ވަޒީފާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ވެސް ބަޔާނުގައި ބަޔާން ކޮށްފައިވެއެވެ.

މި ބިލު ގާނޫނަކަށްވުމުން އެކުލަވާލާ ގަވަނިން ކައުންސިލަކީ ދިފާއީ ވަޒީރާއި ދާހިލީ ސިޔާސަތު ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުވެގެން ހުންނަ ވަޒީރާއި މާލީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނޭހެން އެކުލަވާލާ ކައުންސިލެކެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ނައިބު ރައީސަކީ ދިފާއީ ވަޒީރު ކަމަށް ބިލުގައި ބަޔާން ކޮށްފައިވެއެވެ.