އަންނަ މަހު ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް އޮސްޓްރޭލިއާއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ ދަތުރުތައް އަންނަ މަހުގެ 17ގައި އޮސްޓްރޭލިއާއަށް ފަށާނެ ކަމަށެވެ.
މިއީ މުޅިން އަލަށް މޯލްޑިވިއަނުން ފަށާ ދަތުރުތަކެކެވެ.
ރާއްޖެއިން އޮސްޓްރޭލިއާއަށް މެއި 17ގައި ދަތުރުކުރުމަށްފަހު އޮސްޓްރޭލިއާއިން އަނބުރާ ރާއްޖެއަށް އެ ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މެއި 19ވަނަ ދުވަހުއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ މެލްބާންއަށް ކަމަށެވެ.
މިގޮތުން ހަފުތާއަކު 1 ދަތުރު ކުރުމަށް ހަމަޖެހިފައިވާ އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ހާމަކުރެެއެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް މާރިޗު މަހުގެ 19ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ދެ ގައުމުގެ ދެމެދުގައި ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް އެކުލަވާލެވުނު މި އެއްބަސްވުމަކީ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.