ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ގެނައި ބަދަލުގެ ދަށުން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އިިއްޔެ އުވާލައިފި އެވެ.

ކެބިނެޓުގެ 20 ވަޒީރުންގެ ތެރެއިން 10 ވަޒީރަކު އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައިވާއިރު އޭގެ ތެރޭގައި ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު ހިމެނިވަޑައިގަންނަވަ އެވެ.

އެހެން ނަމަވެސް ރޭ ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ކެބިނެޓް އަލުން އެކުލަވާލިއިރު ސިޓީސް އެންޑް ލޯކަލް މިނިސްޓްރީއެއް ނެތެވެ. އެ މިނިސްޓްރީ ވަނީ އުވާލާފައެވެ.

ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ ގާނޫނީ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ކަމަށް ވާއިރު މި ސަރުކާރުގައި ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓްރީ އުފެއްދުމުން ވެސް ކުރިން ވަނީ ފާޑުކިޔުން އައިސްފައެވެ.

އެ މިނިސްޓްރީ އުފެއްދީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަނޑައަޅާފައިވާ ދުސްތޫރީ މަގްސަދުތަކާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނު ބަޔާން ކުރެވިފައިވާ ގާނޫނީ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި ކަމަށް ބުނެ އެވެ.

މި ސަރުކާރުން ސިޓީސް މިނިސްޓްރީ އުފެއްދުން އިދިކޮޅު އެމްޑީޕީން އޭރު ސިފަކުރީ ކައުންސިލުތަކުގެ ބާރު ކަނޑުވާލަން އުފައްދާފައިވާ "އެޓޯލްސް މިނިސްޓްރީ" ގެ ގޮތުގަ އެވެ.

ލޯކަލް ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް މި ސަރުކާރުން ވަނީ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ ދަށުގައި ހުންނަ ބައެއް ބިންތައް ސަރުކާރަށް ނެގޭ ގޮތަށް އިސްލާހެއް ވަނީ ފާސްކޮށްފަ އެވެ. އަދި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ސަރުކާރަށް ނުފޫޒު ފޯރުވޭ ގޮތަށް ވަނީ ބަދަލެއް ގެނެސްފަ އެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށަށް ބަދަކޮށްފަ އެވެ.

މީގެ ކުރިން، ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ވުޖޫދު ނުވާއިރު ވެސް ޕަބްލިކް ވޯކްސްގެ ހުރިހާ ކަމެއް ބެލެހެއްޓީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.