އަންނަ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓު އޮފީހުން ލަފާކޮށްފިއެވެ.

މެޓު އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރާނެ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވި ނަމަވެސް ކެރީގެ އަސަރު ކޮންމެ ވެސް ވަރަކަށް ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ހުކުރު ދުވަހުން ފެށިގެން ވާރޭ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނަސް ވަޔާއި ކަނޑުތައް ކޮންމެވެސް ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.

ހަމައެހެންމެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓު އޮފީހުން ބުނެފައި ވެއެވެ.