ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާނެކަމަށާއި، ގޯތީގެ ރެޖިސްޓްރީ ހަދާނީ ހިކިފަސް ބިމަށް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުތަލިބު ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް މަޖިލީހުގައި ވަޒީރަށް ސުވާލު ހުށަހަޅުއްވާފައިވަނީ ގިރާވަރު ފަޅު ހިއްކާ ނިންމުމަށް ހަމަޖެހިފައިވާ ތާރީހުތަކާއި ގޭގެ ޕްލޮޓް ހަވާލުކުރުމާއި ގިރާވަރު ފަޅުން ލިބުނު ގޯތިތައް އެހެންތާކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭތޯ ކުރި ސުވާލެވެ.
ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކައެވެ. ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ކުރީ ސަރުކާރުން އެ މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން، ވެރިކަން ބަދަލުވިއިރު ނިންމާފައި އޮތީ 54 ހެކްޓާރުގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތް އޮތީވެސް އެ ކުންފުންޏަށް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވި، މަޑުޖެހިފައިކަމަށެވެ.
ވަޒީރު ވިދާޅުވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ދަށުން މަސައްކަތް އަލުން ފެށީ، މަޝްރޫޢު ނުހުއްޓި ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށްކަމަށެވެ.
ގިރާފަރުފަޅުގެ ލޭންޑްޔޫސް ޕްލޭން ނުމުނު ސަރުކާރުގައި ހަދާފައިވަނީ އެތަނުން 5000 ގޯތި ދޫކުރުމަށެވެ.
ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު، އެ އަދަދަށް ގޯތި ދެވެން ނެތުމުން 1114ވަރަކަށް ގޯތި ގުޅީފަޅަން ބަދަލުކޮށްފަވާކަމަށެވެ. އެ ފުރުޞަތު ދިނީ އާއްމުކޮށް އިޢުލާނުކޮށްގެންނެވެ. އެއަށްފަހު އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގިރާވަރު ފަޅުގެ ޕްލޮޓްތައް މިހާރު ވަނީ ކަނޑައަޅަފައެވެ. އަދި ބިމުގެ ރެޖިސްޓްރީ ހަވާލުކުރާނީ ބިން ހިއްކާ ނިމުމުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ބިން ހިއްކާ ނުނިމުނު ނަމަވެސް މިހާރު ވަނީ، އާ ލޭންޑް ޔޫސް ޕްލޭނަށް ބަލާ، ގޯތީގެ ޕްލޮޓް ދޭނެ ސަރަހައްދުތައް ކަނޑައަޅާ، ގޯތީގެ ވެރިންނަށް ލިބޭ ޕްލޮޓް ނަންބަރު ކަނޑައަޅާފައެވެ.
ނިމުނު ސަރުކާރުގައި އެ ބިން ނުހިއްކާ ރެޖިސްޓްރީ ހަވާލުކުރުމުގެ ސަބަބުން، ގިނަ ރައްޔިތުންތަކެއް އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.