ސަރުކާރުން ޚިދުމަތް ދިނުމުގައި އިންތިޚާބުތަކުގެ ނަތީޖާއަކަށް ނުބަލާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މި މަހުގެ 4ވަނަ ދުވަހު ބޭއްވިި އިންތިޚާބުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެތޯ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން މިއަދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިޚާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ އެ ރަށެއްގައި އޮންނަ ކައުންސިލެއްގެ ސަބަބުން މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ދަތިތަކާ ދިމާވާ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭގެ ބޭރު މަގު ހެދުމުގައި މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުލިބޭތީ ދަތިތަކާ ދިމާވި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އާ މާރުކޭޓު އެޅުމުގެ މަސައްކަތަށްވެސް އެ ކައުންސިލްގެ ޖަވާބު ނުލިބޭތީ ހުރަސްތައް ދިމާވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިޚާބުގައި ތ. ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އަޑު ފެތުރިނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދި މިހާރުވެސް އެ ރަށުގައި މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.