ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ނިންމަވައިފިއެވެ.
ސިނާން މިކަން ހާމަ ކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސިނާންގެ ޕޯސްޓުގަައި ވިދާޅުވެފައި ވަނީ، އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީއެންސީގެ ޕްރައިމަރީގައި، އޭނާ ވާދަކުރަށްވާނެ ކަމަށެވެ.
އެގޮތުން މި އިންތިޚާބުގައި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ޕީ.އެން.ސީ އަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިޚްލާސްތެރި އެއްބާރުލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމާ ގުޅިގެންނެވެ.
ސްޕްރީމް ކޯޓުން އެގޮތަށް ހުށަހެޅީ މީގެ އަހަރަކަށްވުރެ ގިނަ ދުވަސް ކުރިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއް ގޮތަށް މެންބަރު ސިނާން ދަރަނި ދައްކަމުން ގޮސްފައިނުވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ހުށަހެޅި ދުވަހު ސިނާން ވަނީ ދަރަނި ދައްކައި ނިންމާފައެވެ.
ނަމަވެސް ކޯޓުން ކުރި ހުކުމުގައި ވަނީ ހަ މަސް ތެރޭ ކޮންމެ މަހަކަށް ޖެހޭ އަދަދަށްވުރެ ދަށް ނޫން އަދަދެއް ދައްކަން ކަމަށް ވާތީ ސުޕްރީމް ކޯޓުން ނިންމީ އޭނާގެ މެންބަރުކަން ގެއްލިފައިވާ ކަމަށެވެ.
އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަން މިހާތަނަށް ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ އަބްދުﷲ ޞާދިގު (ސޯބެ) އާއި، އަހުމަދު ސައީދު (ނަޔާ) އަދި މުހައްމަދު އަލީއެވެ.
ނަމަވެސް ސައީދާއި މުހައްމަދު އަލީ ވާދަކުރައްވާނެ ޕާޓީއެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އީސީން ވަނީ ހަމަޖައްސާފައެވެ.
އެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން 29 އޭޕްރިލް ވާ ބުދަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށެވެ.
މީގެ އިތުރުން އެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.