‏ސަރުކާރާ ދެކޮޅަށް އިހްތިޖާޖު ކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައި ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފިއެވެ.

މިކަން އިއުލާން ކުރީ އެމްޑީޕީގެ ހަރުގޭގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ނިމިދިޔަ ކައުންސިލު އިންތިހާބުގެ ވޯޓާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ އިތުބާރު ސަރުކާރަށް ނެތްކަން ހާމަ ކޮށްފައިވާ ކަމަށެވެ.

ރައްޔިތުން އެފަދަ ބޮޑު ނިންމުމެއް ނިންމާފައި ވަނީ އިސްރާފުވުން އިތުރު ވެ ސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރޮޕްޝަން އިންތިހާޔަށް ފެތުރި ސަރުކާރުގެ އިދާރި ހިންގުން ބަލިކަށިވެ ދޯދިޔާވެ، ބަލިކަށިވެފައިވާ ހިނދު ބާރުތައް އެކެއްގެ މުށުތެރެއަށް ޖަމާ ކޮށް ޑިމޮކްރަސީގެ އަސާސްތައް މުގުރާލަމުން ދިއުމުގެ ސަބަބުންކަމަށް މީކާއީލު ވިދާޅުވިއެވެ. އެހެންކަމުން ގައުމު އިސްލާހީ މަގަށް ރުޖޫއަ ކުރުމަށްޓަކައި މި ވަގުތު ހަރުދަނާ އިސްލާހީ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެމްޑީޕީ ގައުމީ ހިންގާ ކޮމެޓީއަށް ހުށަހަޅާ ފާސް ކޮށްފައިވާ ގަރާރު މީކާއީލު ވަނީ އިއްވަވާފައެވެ.

ސަރުކާރަށް އެމްޑީޕީން ކުރާ ޑިމާންޑުތަކަކީ:

  1. މުސްތަގިއްލު މުއްސަސާތަކުގެ ރައީސުންނާއި، ރައީސުން ރައީސުލްޖުމުހޫރިއްޔާ އައްޔަނު ކުރައްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލު ބާތިލުކޮށް ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް އެ ބާރު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ރުޖޫއަ ކުރުން.

  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް މުރާޖާކޮށް ބިޑަކާ ނުލާ މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް ހުރި ކަންކަން އިސްލާހު ކޮށް ނިޒާމު ހަރުދަނާ ކުރުން.
  3. ރައްޔިތުންގެ ތާއީދާއެކު އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ތަކުގެ އެތެރޭގެ ކޮމިޓީ އަކުން ނިންމާ ނިންމުމަކުން މަޖިލީހުގައި ވޯޓު ދޭ ގޮތަކުން މެންބަރު ކަމުން ވަކިކުރެވޭ ގޮތަށް އޮތް އޮތުން ބާތިލުކޮށް މެންބަރުންގެ ގާނޫނީ މިނިވަންކަން ކަށަވަރު ކުރުން.
  4. ލާމަރުކަޒީ ނިޒާމުގެ ބާރުތައް ހަނިވާ ގޮތަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ބާތިލުކޮށް، ކައުންސިލްތަކަށް އިދާރީ އަދި މާލީ ފުރިހަމަ މިނިވަން ކަން ލިބިދެވޭނޭ ގޮތަށް ގާނޫނުތައް ބަދަލުކޮށް އިސްލާހު ގެނައުން.
  5. ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކޮރޮޕްޝަންގެ މައްސަލަތަކުގެ ތަހުގީގުތަށް އަވަސްކުރުން. މީގެ ތެރޭގައި އިންތިހާބާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މީހުން އައްޔަނު ކުރުމާއި، ބިޑަކާ ނުލާ ހަވާލު ކޮށްފައިވާ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން އެޗްޑީސީ މެދުވެރިކޮށް ގަވާއިދާ ހިލާފަށް ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގުކޮށް ވީ އެންމެ އަވަސް ފުރުސަތެއްގައި ޝަރީއަތަށް ފޮނުވުން.
  6. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަނު ކޮށްފައިވާ ފަރާތްތަކުގެ އަދަދު ހާމަކޮށް ފާއިތުވި 6 މަސް ދުވަހުގެ ތެރޭ ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، ސިޔާސީ މަގާމުތަކަށް އައްޔަނު ކުރި މީހުންގެ އަދަދާއި، ޕްރޮމޯޝަން ދިން މީހުންގެ އަދަދާއި، އެ ފަރާތްތަކުގެ ތަފްސީލް ހާމަ ކުރުން.
  7. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިގްތިސޯދީ ސިނާއަތްތައް ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތް ހުޓިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގަންނަވާ ގޮތަށް ތެލުގެ އަގު ސަބްސިޑައިޒްކޮށް މަސްވެރިންނަށް ލިބޭނޭ ގޮތް ހަމަޖެއްސުން.
  8. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެން ވާ ގޮތް އިސްލާހު ކުުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދާ އެއްގޮތަށް އަމަލުކޮށް ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން.
  9. އެންޓި ކޮރޮޕްޝަން ކޮމިޝަނާއި އިލެކްޝަން ކޮމިޝަންގެ ރައީސުންގެ މަގާމުގައި ތިއްބެވި ފަރާތްތައް ވަކިކޮށް، އެ މުއައްސަސާތަކުގެ މިނިވަންކަމާ އިތުބާރު ދެމެހެއްޓޭނޭ ފަދަ ގާބިލު ފަރާތްތައް އެ މަގާމުތަކަށް އިސްކުރުން.
  10. ތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓާ އަސާސީ ހިދުމަތް ތަކުގެ އަގުބޮޑު ވިޔަނުދީ، ހިފެހެއްޓުމާ އެކު ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިސްރާފު މަދު ކުރުމަށް އިސްކަންދިނުން. އަދި މިހާރުގެ އިގްތިސާދީ ހާލަތާއި، ގުޅޭ ސައްހަ މައުލޫމާތު ދެފުށްފެންނަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން އަވަސް ކޮށް ދިނުން.
  11. ގައުމުގެ އިސްލާހީ ދަތުރު ހަރުދަނާ ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ކަނޑައެޅުމުގައި ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ހާއްސަ ކޮމެޓީއެއް އެކުލަވައިލުން. އަދި އެ ކޮމެޓީގެ މަޝްވަރާގެ މަތިން މެނުވީ ގާނޫނު އަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނޭ ގޮތަށް ނިޒާމު ތަރުތީބު ކުރުން.
  12. ދިވެހިރާއްޖޭގެ ތިމާވެއްޓަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކޮށް އަމާނަތްތެރިކަމާ އެކު ރައްދުކޮށްދޭން ޖެހޭ ގައުމީ ތަރިކައަކަށްވާއިރު ތިމާވެއްޓަށް ކުރާނެ އަސަރުތައް އެކަށީގެންވާ ގޮތެއްގައި ވަޒަން ކުރުމެއްނެތި ހިންގާ މަޝްރޫއުތައް ވަގުތުން ހުއްޓުމަކަށް ގެނައުމަށާއި، ތިމާވެށީގެ އީއައިއޭ ރިޕޯޓުތަކަށް ރިއާއަތްކުރުމެއްނެތި ދޫކޮށްފައިވާ މަސްވެރިކަމުގެ ހުއްދަތައް މުރާޖާކޮށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ މިނިވަން ކަމާ ބާރު ކެނޑޭގޮތަށް އިދާރީ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް އުވާލާ ތިމާވެށި ހިމާޔަތް ކުރުމުގެ ފުރިހަމަ ގާނޫނީ ބާރުވެރިކަން އެ މުއަސަސާ އަށް ފުރިހަމަ އަށް އިއާދަކޮށްދިނުން.

މީކާއިލް ވަނީ އެކަންކަން އިސްލާހު ކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅެއް އެޅުމަށް ގޮވާލާ ދިވެހި ރައްޔިތުންގެ ހައްގުގައި އިހުތިޖާޖު ކުމަށް އެ ޕާޓީން ނިކުންނަވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ. އަދި އޭގެފަހުން އެމްޑީޕީން ވަނީ އިހުތިޖާޖު ކުރުމަށް ނިކުމެފައެވެ.