ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސް ނަމަށް ބަދަލުކުރައްވައިފިއެވެ.
މި ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ޑރ. މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ގެންނެވި ބަދަލެކެވެ.
އިސްލާމިކް ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާގެ ނަމަށް ގެނެވުނު ބަދަލާއެކު، އިސްލާމީކަންތައްތަކާ ބެހޭ އެންމެހާ މަސައްކަތްތަކާއި ދިވެހިރާއްޖޭގައި އައުޤާފްގެ ދާއިރާއިން ކުރެވޭމުހިއްމު ހުރިހާ މަސައްކަތް ކުރިއަށް ދާނީ އެ ވުޒާރާގެ ބެލުމުގެ ދަށުން ކަމަށެވެ
މިއީ އައުޤާފްތައް ފުޅާ ކުރުމަށް ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ކުރައްވަމުން ގެންދަވާ މަސަައްކަތްޕުޅަށް އިތުރު ކުރިއެރުން އަންނާނެ ކަމެއް ކަމަށް އެ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އައުޤާފް ވުޒާރާ އުފެދުނީ 1932 ވަނަ އަހަރުގައެވެ. މިއަދު މި ބަދަލު މި ގެނެވުނީ އައުޤާފަށް ޚާއްސަ ވުޒާރާއެއް އުފެދިފައި ނެތްތާ އަހަރުތަކެއް ފަހުން ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.