ފެބްރުވަރީ މަހު ނުކުޅެދުންތެރިކަން ހުންނަ 14,993 އަށްވުރެ ގިނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ، މިދިޔަ ޑިސެންބަރު މަހުގެ ތަފާސްހިސާބާއި އަޅާކިޔާއިރު 993 މީހުންގެ އިތުރުވުމެކެވެ.

ޑިސެންބަރު މަހު މާލީ އެހީތެރިކަން ދީފައިވަނީ، 14،000 މީހުންނަށެވެ.

އެންސްޕާއިން ދެމުންގެންދާ އިޖުތިމާއީ އެކިއެކި އެހީތަކުގެ އެންމެފަހުގެ ތަފާސްހިސާބުތައް އެ އެޖެންސީން ވަނީ އާންމުކޮށްފައެވެ. އޭގެތެރޭގައި ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ މާލީ އެހީގެ ތަފްސީލުގެ އިތުރުން ފަގީރު ހާލަތުގައި އުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީތެރިކަމުގެ ތަފްސީލު ހާމަކޮށްފައިވެއެވެ.

އެ އިދާރާއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި ޖުމްލަ 15,280 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަލަށް ރަޖިސްޓްރީ ކޮށްފައިވަނީ 62 މީހުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީގެ ޖުމްލަ ހަރަދު ވަނީ، 54,842,000 (ފަންސާސް ހަތަރު މިލިއަން އަށް ލައްކަ ސާޅީސް ދެ ހާސް) ރުފިޔާއަށް އަރާފައެވެ.

މީގެއިތުރުން ފަގީރު ހާލަތުގައި އުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީގެ ދަށުން 706 ފަރާތަކަށް އެހީ ދީފައިވެއެވެ. މި އެހީއަށް އަލަށް 6 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވާއިރު، މިކަމަށް ޖުމްލަ 26,040 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީގެ ތަފްސީލުވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން މި އެހީ ލިބޭ 101 ބެލެނިވެރިއަކާއި، 137 ކުޑަކުދިން ތިބި ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ބައިން އަލަށް އެކަކު ރަޖިސްޓްރީ ކޮށްފައިވާއިރު، އެހީގެ ގޮތުގައި ޖުމްލަ 187,500 ރުފިޔާ ވަނީ ދޫކޮށްފައެވެ.