މާލޭގެ ގެއެއްގައި ރަހުމު ކުޑަގޮތަކަށް މާރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން 2 ދައުވާއެއް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން ޖުމްލަ 5 ދައުވާއެއް ކުރެއެވެ.

2022 ވަނަ އަހަރުގެ އޯގަސްޓު މަހު ހ.ޝީރީންވިލާގައި ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި، ތުހުމަތުކުރެވޭ ޢަލީ ޝާހިލް ހައްޔަރު ކުރީ ސީދާ ކުށުގެ ވެށިންނެވެ.

މަރާލުމަށްފަހު ޝިއާއުގެ ހަށިގަނޑު ކޮށާލާފައި އޮއްވައި ފެނުނުއިރު ފުލުހުން ބުނީ ގޮތުގައި އޭރު އެތަނުން ޝާހިލް އެކަމަށް ބޭނުންކުރި އާލާތްތައް ވެސް ވަނީ ފެނިފައިވެއެވެ.

މިމައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާއިރު މިމައްސަލާގައި ދައުވާތައްވެސް ވަނީ ސިއްރުކޮށްފައެވެ. މިކަމާއި ގުޅިގެން ޕީޖީން ބުނީ، ޝާހިލްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިހާތަނަށް ދެ ދައުވާއެއް ސާބިތުވެފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

މީގެ ތެރެއިން ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ޝާހިލްގެ މައްޗަށް ކުރުމުން 3 އަހަރުގެ ހުކުމެއް ވަނީ ކޮށްފައެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލަ ސާބިތު ވުމާއި ގުޅިގެން 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އައިސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިލްގެ މައްޗަށް 5 ދައުވާއެއް ކުރެއެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމް ނުކޮށް ހުރި ދައުވާތައް ކޯޓުގައި ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައިގެ އިތުރު އަޑުއެހުންތަކެއް މިމަހުގެ ފަހުކޮޅު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.