އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޗައިނާގެ ދެ ބޯޓު އެމެރިކާގެ ހުރަސްތަކަށް ބެލުމެއްނެތި ކާމިޔާބުކަމާއެކު ހޮރްމުޒު ކަނޑުއޮޅި ހުރަސްކޮށްފިއެވެ.

އެމެރިކާ އިން އީރާނުގެ ބަނދަރުތައް ޙިޞާރުކުރަން ފަށާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހޮރުމުޒު ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ ޗައިނާގެ ޝަންހާއީ ޒުއާންރަން ޝިޕިންގް ކޮމްޕެނީގެ މިލްކުވެރިކަމުގައި އޮންނަ "ރިޗް ސްޓާރީ" ނަމަކަށް ކިޔާ ބޯޓެކެވެ.

އަދި މި ބޯޓާއި އޭގެ ވެރިފަރާތަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީ އީރާނާއެކު މުއާމަލާތްކުރާ ކަމަށް ބުނެއެވެ. އެލް.އެސް.އީ.ޖީ އާއި މެރިން ޓްރެފިކް ފަދަ ވަސީލަތްތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ އެމެރިކާއިން ހޮރުމުޒު ބަންދުކުރި ފަހުން ގަލްފުން ބޭރުވި ފުރަތަމަ ބޯޓެވެ.

މި ބޯޓަކީ ގާތްގަނޑަކަށް 250,000 ފީފާގެ މެތަނޯލް ބަރުކޮށްގެން ދަތުރުކުރަމުންދާ ބޯޓެކެވެ. އެންމެ ފަހުން މި ބޯޓު މަޑުކޮށްފައިވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ހަމްރިއްޔާ ބަނދަރަށެވެ

ޗައިނާގެ ފަޅުވެރިން ތިބި މި ބޯޓުގެ އިތުރުން، އެމެރިކާއިން ފިޔަވަޅު އަޅާފައިވާ ޗައިނާގެ އެހެން ބޯޓެއް ކަމަށްވާ "މުރްލިކިޝަން" ވެސް އަންގާރަ ދުވަހު ވަނީ ހުރުމުޒު ކަނޑުއޮޅިއަށް ވަދެފައެވެ.

މިހާރު ހުސްކޮށް އޮތް "މުރްލިކިޝަން" ބޯޓަކީ މީގެ ކުރިން ރަޝިއާ އަދިއީރާނުގެ ތެޔޮ އުފުލަން އުޅުނު ބޯޓެކެވެ. މި ބޯޓު އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އިރާގުން ތެޔޮ ބަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑޭޓާއިން ދައްކައެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ 20 އިންސައްތަ ބޭރުކުރާ ކަނޑުއޮޅިއެކެވެ.

އެ ކަނޑުއޮޅީގެ ބާރު އީރާނުން ގެންގުޅޭއިރު، އެތަން ބަންދުކޮށްފައިވަނީ އެމެރިކާއާއި ގުޅިގެން އިޒްރޭލުން އެ ގައުމަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ އޭނާގެ އަމާޒަކީ ކަނޑުއޮޅީގައި ހުރި މައިނުތައް ނައްތާލައި، ދަތުރުފަތުރަށް އެތަން ހުޅުވާލުން ކަމަށެވެ.

އަދި އެ ސަރަހައްދު ކޮންޓްރޯލްކޮށްގެން އީރާނަށް ފައިދާ ހޯދުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި މި ބްލޮކޭޑް ސިފަކޮށްފައިވަނީ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގަ އެވެ. އަދި އީރާނުގެ ބަނދަރުތަކުގެ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ، ގަލްފް ސަރަހައްދުގެ އެއްވެސް ބަނދަރަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށް ބުނެ އީރާނުން ވަނީ އިންޒާރު ދީފައެވެ.

ޗައިނާއި ރަޝިޔާ އަދި އިނގިރޭސި ވިލާތުން ވެސް ވަނީ މި ޕްލޭނަށް ފާޑުކިޔައިފަ އެވެ. ނޭޓޯގެ ބައެއް ގައުމުތަކުން ވެސް މިކަމާ މެދު ވަނީ ނުރުހުން ފާޅުކޮށްފައެވެ.