މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ މޫސުން އިތުރަށް ޕްރިޑެކްޓް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.ވަޒީރު ޠާރިގު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިގު ވިދާޅުވީ، މެޓު އޮފީހުން ކުރަމުން އަންނަ ވަރަށް މުހިންމު ކަންތައްތަކެއް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީނުކުރުމާއި އެ ދާއިރާގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ވަޒީރު ޠާރިގު ވިދާޅުވިއެވެ.

ވަޒީރު ޠާރިގު ވިދާޅުވީ އައްޑޫ ސިޓީގައި މޫސުމީ އިދާރާގެ ގޮފީގެ މުޅިން އައު އިމާރާތެއް އެޅުމާ ގުޅޭ މަސައްކަތްތައްވެސް ފަށާފައިވާ ކަމަށެވެ. އަދި އައްޑު އަތޮޅު ގަމުގައި، ހުޅުލޭގައި ހުރި ފަދަ އެސް-ބޭންޑް ބޮޑު ރާޑަރެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް ޠާރިގު ވިދާޅުވިއެވެ.

"މޫސުން ޕްރިޑެކްޓް ކުރުމަށް އިތުރު މަސައްކަތްތަކެއް އަޅުގަނޑުމެން މިދަނީ ކުރަމުން.އޭގެ ތެރޭގަ އައްޑޫގަ އެބަ މިހާރު ޑިޒައިން ކޮށް އާ މެޓު އޮފީހެއް އެޅުމުގެ މަސައްކަތްތައް ކުރިއަށް މިދަނީ. އެ ތަންވެސް ޑިޒައިން ކޮށް ނިންމާފައި މިހާރު އެއަށް ބޭނުންވާ އިނީޝިއަލް ފަންޑްސް އާ އެއްޗެހިވެސް ލިބިފަ ހުރީ. އަދި އޭގެ އިތުރުން އައްޑޫގަ ވެސް ޑްޕްލާރ ވެދަރ ރާޑަރއެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ. މިހާރު މާލޭގަ ހުރި ކަހަލަ ވެދަރ ރާޑަރ އެއް."

ވަޒީރު ޠާރިގު

މީގެ އިތުރުން މެޓު އޮފީހުން ކުރިއަށް ރޭވިފައިވާ ކަންކަމުގެތެރޭގައި ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގެ އޮފީސް ރީބްރޭންޑްކުރުމާއި ވެބްސައިޓް އަދި މޯބައިލް އެޕް އަގްރޭޑްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އޮޓޮމެޓިކް ވެދަރ ސިސްޓަމްތައް މަރާމާތުކޮށް އޮބްޒަވޭޝަން ނެޓްވޯކް ފުޅާކޮށް، ކަނޑުމަތިން 10 ސަރަޙައްދަކުން މޫސުމާ ބެހޭ މަޢުލޫމާޓު އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ މުޅި ރާއްޖޭގެ ސަރަޙައްދާއި، ބެލެހެއްޓުމަށް އެކަށީގެންވާ ސަރަޙައްދުތަކަށް ރިޢާޔަތްކޮށް ހދ.ކުޅުދުއްފުށި ،ވިލިމާލެ، ކައްދޫ، ފުވައްމުލައް ސިޓީގައި މޫސުން ބެލުމާއި ލަފާކުރުމެގެ ޤާބިލުކަން އިތުރުކޮށް، އެކިއެކި އަރައްކާތަކަށް ދުރާލާ އިންޒާރުދޭ ޤައުމީ ނިޒާމު ހަރުދަނާކުރުމަށް ރާޑަރު ހަރުކުރަން ނިންމާފައިވާ ކަމަށްވެސް ތާރިގު ވިދާޅުވިއެވެ.