ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަކީ 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަނެއް ކޮޕީއެއް ކަމަށާއި، ގައުމުގެ ހާލަތާއި ގުޅޭގޮތުން ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް އޮތްތަން ނުފެންނަކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރޯދަ މަހަށް ފަހު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުގެ ރައްދު ދެއްވަމުން ބުނެފައިވަނީ މި އަހަރުގެ ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު، ކުރީ އަހަރުގެ ރިޔާސީ ބަޔާނުގެ ”ކުލަނެތް ކޮޕީއެއް“ ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ނާޒިލް ވިދާޅުވީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ކޮންމެ އަހަރަކުވެސް ގައުމުގެ ހާލަތު ބަޔާންކޮށް، އެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މި އަހަރުގެ ބަޔާނުގައި އެކަންކަން ފުރިހަމަވެފައި ނުވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދެއްވިފައި ނުވާއިރު، ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ވެސް ތަފްސީލުކޮށްދެވިފައި ނުވާކަމަށެވެ.

މިހާރު މިއޮތް ސަރުކާރަކީ ރާއްޖޭގެ ތާރީހުގައި ނުފެންނަ ވަރުގެ ނާޤާބީލު ސަރުކާރެއް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރައީސް މުއިއްޒު ވަނީ ބޮޑު ތަނުން ފެއިލްވެފަ

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

މިއީ ނާގާބިލު ސަރުކާރެއްކަމަށް ސިފަ ކުރައްވައި ނާޒިލް ވިދާޅުވީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރައީސް މުއިއްޒުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. ހާއްސަކޮށް ސިއްހީ ދާއިރާއިން އާސަންދައިގެ ހިދުމަތް ދަށަށް ގޮސް، ބޭސް ސިޓީއަށް ބޭސް ނުލިބޭ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޔޫރަޕްގެ މޮޅު ބޭސް ގެންނާނެކަމަށް ރައްޔިތުންނަށް ”ހުވަފެން ދެއްކުމަށް ފަހު“، ކުރިން ލިބެމުން އައި ބޭސްތައް ވެސް މިހާރު ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިލް ވަނީ ”ފެންވަރު އޮޅުނީތޯއޭ ނިދީގައި އޮތް ހަނދަށް އެރި“ ޅެންބައިތު ބޭނުންކޮށް ކުލަ ނެތް ހުވަފެންތައް ހުއްޓާލައި އަސްލު މަސައްކަތައް ސަމާލުކަން އިތުރު ކުރުމަށް ގޮވާލައްވާފައެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ނާޒިލް ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްކަމަށް ބުނި ނަމަވެސް، އެއްވެސް މަޝްރޫއެއް އަމަލީ ގޮތުން ކުރިއަށް ނުދާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ހާއްސަކުރި 2.86 ބިލިއަން ރުފިޔާ ހުސްވީ ކޮން ކަމަކަށްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ކިތަންމެ ކިތަންމެ ތަނެއްގައި ރަސްމިއްޔާތު ބާއްވައިފި ބިންގާ އަޅައިފި އެއްވެސް ކަމެއް ކުރިއަށް ނުދޭ. ކުރިއަށް ގެންދާކަށް ވެސް ނޫޅެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

މީގެ އިތުރުން، އިގްތިސާދީ ބޮޑެތި މަޝްރޫއުތައްކަމަށްވާ ޑިވެލޮޕްމަންޓް ބޭންކާއި، ފުނަދޫ ފައިނޭންޝަލް ސެންޓަރާއި، ރަސްމާލެ އަންޑަވޯޓަރ ޓަނަލް ފަދަ މެގަ ޕްރޮޖެކްޓުތަކުގެ އެއްވެސް ތަފްސީލެއް ރިޔާސީ ބަޔާނުގައި ނެތުމަކީ ކަންބޮޑުވުމެއްކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން، އާމްދަނީއާއި ހަރަދުތަކުގެ ތަފްސީލު ހާމަކުރުން މި ސަރުކާރުން ހުއްޓާލާފައިވަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ހާރިޖީ ސިޔާސަތާއި، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލި މާޒީވެފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ.