"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ 125 މީހުންނަށް ބިން ހަވާލުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މި މަހުގެ 13 ގެ ނިޔަލަށް 125 މީހުންނަށް ގޯތި ހަވާލުކުރެވިފައިވާ ކަމަށާއި ގޯތީގެ އެއްބަސްވުމުގައި 451 ފަރާތަކާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވަނީ 698 ގޯއްޗެވެ. އެއީ 1،650 އަކަފޫޓުގެ 181 ގޯއްޗާއި 2،050 އަކަފޫޓުގެ 242 ގޯއްޗާއި، 2،450 އަކަފޫޓުގެ 132 ގޯޗާއި، 2،850 އަކަފޫޓުގެ 62 ގޯއްޗާއި، 3،250 އަކަފޫޓުގެ 41 ގޯއްޗާއި، 3،650 އަކަފޫޓުގެ 16 ގޯތި އަދި 4،000 އަކަފޫޓުގެ 24 ގޯއްޗެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކަމުން އަންނަ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. ހިއްކާފައިވާ ސަރަހައްދުތަކުން ގޯތި ހަވާލުކުރުމާއި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދިރުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރީ މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ (އެމްއޭސީއެލް)އިންނެވެ. އެ ޑްރެޖަރަކީ އެއް ފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ކެޕޭސިޓީ ހުރި ޑްރެޖަރު ކަމަށްވާ ޕްރިންސް ދަ ނެދަލޭންޑެން އަދި އޮރެންޖް އިންނެވެ. އެ މަސައްކަތް ނިންމީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން އޮތީ މާލެ ސަރަހައްދުން 9،000 އަށް ވުރެ ގިނަ ގޯތި ދީފައެވެ. އެކަމަކު، ގިނަ ތަންތަން އޭރު ހިއްކަން ނުވެސް ފަށައެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން ގިނަ އަދަދެއްގެ ގޯތި ދޭން ނިންމިއިރު، ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ހިއްކާފައި އޮތީ ވަރަށް ކުޑަ ސަރަހައްދެކެވެ. އެ ތަނުގައި 100 އެއްހާ ގޯތި ދެވޭ ވަރަށް ވެސް ބިން ހިއްކާފައި ނެތެވެ.
ލިބޭ ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 20ވަނަ ދުވަހުއެވެ.
މާލޭގެ އިތުރުން ގުޅިފަޅުން ގޯތި ލިބުނު މީހުންނާ ބިން ހަވާލުކުރުމުގެ މަސައްކަތްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.