މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ތެރޭގައި 16.2 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ގެންނަ މުދަލުގެ އަދަދު އިތުރުވެފައިވާކަމަށާއި އެގޮތުން މިދިޔަ އަހަރުގެ 3 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ 3 މަސްދުވަހު ރާއްޖެއަށް ގެނެސްފައިވާ މުދަލުގެ އަދަދު 19 އިންސައްތަ އިތުރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއަށް މުދާ ގެނައުމުގެ މަގުތައް ސަރުކާރުން ހޯދަމުންދާއިރު މިކަމަށް ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް ގެނައުމަށް ކުރިއަށްއޮތް 3 މަސްދުވަހަށްވެސް ޝެޑިއުލް ދަތުތައް ހަމަޖެހިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާރު އާންމު ހާލަތައް ބަދަލުވަމުން އަންނަކަމަށެވެ. މިވަގުތު މާލޭ ބަނދަރުގައި އޮތް އުޅަނދެއްގައި 1200 ކޮންޓެއިނަރު މުދާ އެބަހުރިކަމަށާއި، އަދި މި ހަފްތާގައި 2500 ކޮންޓެއިނަރުގެ މުދާ މާލެ އައުމަށް ހަމަޖެހިފައިވާކަމަށެވެ. 12 އޭޕްރީލްގައި 500 ކޮންޓެއިނަރު 13 އެޕްރީލްގައި 500 ކޮންޓެއިނަރު އަދި 14 އޭޕްރީލްގައި 1500 ކޮންޓެއިނަރުގެ މުދާ ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.