ސްޕްރީމް ކޯޓުގެ ހުކުމާއެކު ހުސްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު ކަނޑައަޅަން އޮންނަ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމާ ގުޅިގެންނެވެ.

ސްޕްރީމް ކޯޓުން އެގޮތަށް ހުށަހެޅީ މީގެ އަހަރަކަށްވުރެ ގިނަ ދުވަސް ކުރިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއް ގޮތަށް މެންބަރު ސިނާން ދަރަނި ދައްކަމުން ގޮސްފައިނުވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ހުށަހެޅި ދުވަހު ސިނާން ވަނީ ދަރަނި ދައްކައި ނިންމާފައެވެ.

ނަމަވެސް ކޯޓުން ކުރި ހުކުމުގައި ވަނީ ހަ މަސް ތެރޭ ކޮންމެ މަހަކަށް ޖެހޭ އަދަދަށްވުރެ ދަށް ނޫން އަދަދެއް ދައްކަން ކަމަށް ވާތީ ސުޕްރީމް ކޯޓުން ނިންމީ އޭނާގެ މެންބަރުކަން ގެއްލިފައިވާ ކަމަށެވެ.

ޕީއެންސީން ރޭ ކުރި އިއުލާނެއްގައި ބުނި، އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 ކަމަށެވެ.

ޓިކެޓަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް ވެސް ހުށަހަޅަންޖެހޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މި ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

އަދި އެ ފަރާތަކީ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވާންޖެހެއެވެ. ނުވަތަ ޕާޓީގެ މެންބަރަކަށްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް ޕީއެންސީން ބުނެފައި ވެއެވެ.

އެ ޕާޓީގެ ޓިކެޓަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ތިބިނަމަ، ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާނީ އެ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީއަކުންނެވެ.

މި ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޭޕްރިލް 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.ޮީޕީއެންސީން ބުނީ މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ އިލެކްޝަންސް ކޮމިޝަނުގައި އޮތް އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، އޭޕްރިލް 13 ގެ އިރުއޮއްސި 6:00 ގެ ކުރިން ޕާޓީއަށް ވަނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ލިސްޓު އޭޕްރިލް 20 ވާ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.