ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ ތެރެއިން، ފޮސްޓާ ކުރާ ކުދިން ބަލަހައްޓާ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިސް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.

އުމުރުން ހަ މަސް ނުވާ ކުދިންނާއި ހަ މަހަށްވުރެ ބޮޑެތި ކުދިންނާ ހަވާލުވެ ބަލަހައްޓާ ބެލެނިވެރިންނަށް ހާއްސަ ޗުއްޓީއެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.

ސިވިލް ސަރވިސް ޤަވައިދަށް ގެނައި އިސްލާޙްގައި ވަނީ ފޮސްޓަރ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއ،ި މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ކުއްޖާއާމެދު އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު ކުދިން ބެލެހެއްޓުން ދައުލަތުން ހަވާލުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗުއްޓީ ދެވޭނެ ގޮތް އެކުލަވާލާފައެވެ.

މި ޗުއްޓީ ލިބޭ ގޮތަށް ސިވިސް ސާވިސް ގަވައިދު އިސްލާހުކޮށް އިއްޔެ ވަނީ ގެޒެޓްކޮށްފައެވެ. އޭގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ނުފުރޭ ނަމަ، ކުއްޖާގެ އުމުރުން ހަ މަސް ހަމަވާ ދުވަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތް ލިބޭގޮތަށް ޗުއްޓީއެއް ލިބޭނެއެވެ. އަދި އޭގެއިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ފުރިފައިވާ ނަމަ ނުވަތަ ހަ މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، މުސާރަ އާއި އިނާޔަތްތައް ލިބޭގޮތަށް 30 ދުވަހުގެ ޗުއްޓީއެއް އެ ބެލެނިވެރިޔާއަށް ލިބޭނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ މިންވަރު މިހާރު އިތުރުވަމުންދާއިރު 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ޙަވާލުކޮށްފައިވެ.