ރުކުމަޑި ނައްތާލަން ޗައިނާގެ އެހީގައި ހަނިމާދޫގައި ސެންޓަރެއް ހަދައި ސުއިޕެއް އާލާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ބުނެފިއެވެ.
އެ މިނިސްޓްރީން މިކަންހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ެެެއެގޮތުން އެ ޕޯސްޓުގައި މިނިސްޓްރީން ބުނީ ޗައިނާއާއި އެ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެދަށުން ތަންފީޒުކުރެވެމުންދާ ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް ޕްރޮޖެކްޓުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރެސިޓޮއިޑް ރިއަރިންގ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އަދި އެންމެ ފުރަތަމަ އިސްކަމެއްދެވިގެން ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ޕެރެސިޓޮއިޑް ނަމަކަށް ކިޔާ އެ ސޫފި (ޤުދުރަތީ ހަތުރު) އާލާކުރުމަށް ކުރެވޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން މިހާރުވަނީ ޗައިނާއިން ޕެރެސިޓޮއިޑް ގެނެސްފައި ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިފަދަ ޤުދުރަތީ ޙައްލެއްގެ ސަބަބުން ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް، ތިމާވެއްޓާއި ރައްޓެހިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީން ބުނީ އުންމީދަކީ މިފަދަ ޕްރޮޖެކްޓުތަކުން، ރާއްޖޭގެ ރުއްތަކަށް ތަފާތު ބަލިތަކާއި ޕެސްޓުތަކުން ލިބެމުންދާ ގެއްލުންތަކަށް ދެމެހެއްޓެނިވި ޙައްލެއް ލިބިގެންދިއުން ކަމަށެވެ.