އިންޓަ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ތުރުކީވިލާތުގެ އިސްތަންބޫލަށް މިއަދު ފުރާވަޑައިގެންފިއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކުރިގޮތުގައި މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ މަންދޫބުން އެއްތަންވެ، ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކާ މެދު މަޝްވަރާކުރާ މި ބޮޑު އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލުކުރުމެވެ.
މީގެ އިތުރުން، އެހެން ގައުމުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ އިސްވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަކީ ވެސް މި ދަތުރުފުޅުގެ އަމާޒެއްކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެެއެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ވަފުދެއް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީން ހޯސްޓުކޮށްގެން ބާއްވާ އައިޕީޔޫގެ 152 ވަނަ އެސެމްބްލީ ކުރިއަށްދާނީ މި މަހުގެ 15 އިން 19 އާ ހަމައަށް ހިލްޓަން އިސްތަންބޫލް ބޮމޮންޓީ ހޮޓެލް އެންޑް ކޮންފަރެންސް ސެންޓަރުގައެވެ. މިއަހަރުގެ އެސެމްބްލީގެ މައިގަނޑު ޝިއާރަކީ "މުސްތަގްބަލުގެ ޖީލުތަކަށް އުންމީދު އާލާކޮށް، ސުލްހަ ކަށަވަރުކޮށް އަދި އިންސާފު ގާއިމުކުރުން" މިއެވެ.