ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓެލްކޯއާ ދެމެދު މަޝްވަރާކޮށްފިއެވެ.

ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެޗްޑީސީގެ އިސްވެރިންނާއި، އެ ކުންފުނިން މިއަދު ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ އިތުރުން، ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރ އަޅާފައިވާ އިތުރު ކޭބަލްތައް 'އެނަޖައިޒް' ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށްވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

މީގެ އިތުރުން ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމަށްޓަކައި، ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރަން މަޝްވަރާކޮށްފައިވާ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

އަދި އެ ކޭބަލްތަށް އެނަޖައިޒް ކުރެވިއްޖެ ނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަ ކުރެވި އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.