ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.

ޑެންގީގައި ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ށ. މިލަންދޫއަށް ނިސްބަތްވާ 23 އަހަރުގެ ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ. މިދިޔަ ހަފުތާގައި އެ ޒުވާނާއަށް ފުރަތަމަ ފަރުވާ ދިނީ، މިލަންދޫ ސިއްހީ މަރުކަޒުގަ އެވެ. ހާލު ސީރިއަސްވުމާ ގުޅިގެން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އައިޖީއެމްއެޗަށް ފަރުވާއަށް ގެނައީ އިއްޔެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބުރުވަރީ މަހު ޑެންގީ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިިދިޔަ މަހު 535 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރިއިރު ފެބުރުވަރީ މަހު އެ އަދަދު ހުރީ 428 ގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް އިތުރު އަދަދަކަށް ވީއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓު ކުރި ކޭސްތަކުގެ އަދަދު އުޅެނީ 60 އާއި 77 ދެމެދުގައެވެ.