ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 41 އެއަރލައިނަކުން ދަތުރުކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިވަގުތު ބައިނަލްއަޤްވާމީ 41 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަސް ނިމުނުއިރު ރާއްޖެއަށް ދަތުރުކޮށްފައިވަނީ 35 އެއަރލައިނެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިއީ 6 އެއަރލައިންގެ އިތުރުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ވަޒީރުންގެ ކޮމެޓީގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖެ އަންނަ ޖެޓްތަކުގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށެވެ. އަދި މެދުއިރުމަތީގެ ފްލައިޓްތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އިތުރު އެހެން ސަރަޙައްދުތަކުގެ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާކަމަށާއި އަދި ދަތުރު ފެށުމަށްވެސް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް މިވަގުތު ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި ގިނައީ އޭޝިއާ ސަރަޙައްދުގެ އެއަރލައިންތަކެވެ. އެގޮތުން އޭޝިއާ ސަރަޙައްދުގެ 16 އެއަރލައިނަކުން ދަނީ ދަތުރުކުރަމުންނެވެ. ޔޫރަޕްގެ 13 އެއަރލައިނަކުން އަދި މެދުއިރުމަތީގެ 6 އެއަރލައިނަކުން ދަތުރުކުރެއެވެ.