ފޭސް2ގެ ކަރަންޓުގެ މައްސަލައާއި ގުޅިގެން ކޭބަލް ނެޓްވޯކަށް ސަމާލުވާން ސްޓެލްކޯއިން އެދިއްޖެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ، ޗައިނާ ކުންފުނިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމަށް މައި 4 ކޭބަލެއް އަޅާފައިވާކަމަށެވެ. ޗައިނާ ކުންފުންޏާއެކު މި މަސައްކަތް ހަވާލުކޮށް ކުރިއަށްދެންދިޔައީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިންނެވެ.

އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ތެރެއިން، މިހާތަނަށް އެތައް ފަހަރަކު މި ނެޓްވޯކަށް ގެއްލުން ވަނީ ލިބިފައެވެ.

މިގޮތަށް ކޮންސްޓްރަކްޝަން އެކި މަސައްކަތް ކުރިއަށްގެންދިއުމުގެ ތެރޭގައި، މައި 4 ކޭބަލްގެ ތެރެއިން 1 ކޭބަލްއަށް ގެއްލުންވެފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑުމުގެ މައްސަލަ މިފަހުން ކުރިމަތިވެފައިވަނީ 3 ކޭބަލުން ކަރަންޓުން ދޭން ޖެހުމުގެ ސަބަބުން، ލޯޑު ބޯޑުވެގެންކަމަށެވެ. އަދި އެ މައްސަލަ ދިމާވި ކޭބަލް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކޮންސްރަކްޝަން މަސައްކަތްތައް ކުރިއަށްގެންދާ މީހުން، އެކަމަށް ވީހާވެސް ބޮޑަށް ސަމާލުވުމަށާއި، ކޮނުމުގެ މަސައްކަތް ކުރިއަށްގެންދާނަމަ، އެޗްޑީސީއާ ގުޅިގެން، ކޭބަލް ނެޓްވޯކް އަޅާފައިވާ ސަރަހައްދުތަކަށް ސަމާލުކަން ދީގެން އެކަން ކުރިއަށްގެންދިއުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

މީގެ އިތުރުން، މައްސަލައެއް ދިމާވާ ހާލަތުގައިވެސް ވީހާވެސް އަވަހަށް އެކަން އަންގާ، އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ. ސްޓެލްކޯއިން ބުނީ ކޭބަލަކަށް ގެއްލުންވާ ބައެއް ހާލަތްތަކުގައި އެ މައުލޫމާތު ހިއްސާނުކުރާ ފަހަރުވެސްދާކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަމަށެވެ.

ފޭސް2ގެ ކަރަންޓުގެ މައްސަލައިގެ އިތުރުން، އެތަނުން އަލަށް ދޫކޮށްފައިވާ ގެތައް ހިމެނޭ ސަރަހައްދަށް ކަރަންޓާއި އެހެނިހެން ޔުޓިލިޓީ ނެޓްވޯކްތައް އަޅާފައި ނެތުމަކީވެސް އެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ދާދިފަހުން ހާމަކޮށްފައިވެއެވެ.

2017ވަނަ އަހަރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ، އެތަން ތަރައްގީކުރުމުގެ ބޮޑެތި ގިނަ މަސައްކަތް ހަވާލުކޮށް ކުރިއަށްގެންދިޔައީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ހިދުމަތް ދިނުމަށް ބޭނުންވާ ޓްރާންސްފޯމަރުތަކާއި ނެޓްވޯކްގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައިވަނީ ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

ނަމަވެސް އެތަނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯގެ އިންޖީނުގެ މެދުވެރިކޮށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަކީ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އަދި ކަރަންޓު ކެނޑި ހައްލުވާން ގިނަ ވަގުތު ނެގުމަކީ އެކަމުގައި ރައްޔިތުން އެތައް ތަކުލީފެއް އުފުލާ ކަމެކެވެ.