ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ފެބުރުވަރީ މަހާ އަޅާ ބަލާއިރު މިދިޔަ މަހު އިތުރުވި ނަމަވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި ކޭސްތައް މަދު ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބުރުވަރީ މަހު ޑެންގީ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިިދިޔަ މަހު 535 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރިއިރު ފެބުރުވަރީ މަހު އެ އަދަދު ހުރީ 428 ގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް އިތުރު އަދަދަކަށް ވީއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓު ކުރި ކޭސްތަކުގެ އަދަދު އުޅެނީ 60 އާއި 77 ދެމެދުގައެވެ.
ނަމަވެސް މިއަހަރުގެ މި މުއްދަތުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރީ 25،010 ކޭސްއެވެ. އަދި މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން 20،761 ކޭސް ރިޕޯޓްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރުވެސް ދަށް އަދަދެކެވެ.
ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ ޑެންގީހުން ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އަދަދު މަދުވެފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރި 1،030 ސާމްޕަލްގެ ތެރެއިން އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ 112 ސާމްޕަލްކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ފެބުރުވަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދަުވެސް ވަނީ މަދުވެފައެވެ. އެގޮތުން ފެބުރުވަރީ މަހު 8629 ކޭސް ރިޕޯޓުކޮށްފައިވީ ނަމަވެސް، މާރިޗު މަހު ރިޕޯޓްކޮށްފައިވަނީ 4441 ކޭސްއެވެ. މިފަދަ އާންމު ބަލިތައް ޖެހިގެން މިދިޔަ މަހު ރިޕޯޓުކުރި އަދަދު މަދުވިނަމަވެސް އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.