މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލަންޑް ލެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 735 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 528 މިލިޔަން ރުފިޔާއެވެ. އެހެން ކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 39 އިންސައްތަ އިތުރުވުމެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ސަރުކާރުން ބަދަލުގެނެސްފައިވާއިރު، ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.

ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫއުތަކަށް ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން ސަރުކާރުން ދަނީ ހަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ގާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ގްރީން ޓެކުހަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ނަގަމުންދާ ޓެކުހެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.