ދެވަނަ ބުރަކަށް ވޯޓުލާން ހަމަޖައްސާފައިވާ ރަށްތަކުގެ ވޯޓުލާން އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން، އީސީން ހުޅުވާލައިފިއެވެ.

އީސީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރު ބުރުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކޮށް މޮނިޓަރު ކުރުމަށް ޝައުގުވެރިވާ މީހުންނަށް އެޕްރީލް 12 ވާ އާދީއްތަ ދުވަހުން ފެށިގެން، އެޕްރީލް 16 ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.

އިންތިހާބުގެ އިތުރު ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އެ ކޮމިޝަނަށް ހުށަހަޅާނީ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެ ކޮމިޝަނުން ފާސްދޫކޮށްފައިވާ ފަރާތްތަކުން، މި އިންތިހާބުގެ އިތުރު ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުށަހަޅަން ނުޖެހޭނެ ކަމަަށް އީސީން ބުނެއެވެ.

މި އިންތިހާބުގެ އިތުރުބުރު ބޭއްވުމަށް ހަމަޖައްސާފައިވާ ރަށްތަކަށް ބަލާލާއިރު، ހއ.ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ.މާވަށް، އަދި ފުވައްމުލައް ސިޓީ ހިމެނެއެވެ.