‏ކ.ހުރާގައި މީހުން ދިރިއުޅެމުންދާ ގެއެއްގައި ރޯވެ، އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ކ. ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި މިއަދުގެ ދަންވަރު 01:18 އެހައިކަންހާއިރު ވެއެވެ.

ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، އެ ގޭގައި ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

އަދި މި ހާދިސާގެ ސަބަބުންއެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

ނަމަވެސް ފުލުހުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އަދި ހާދިސާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ކ. ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު މާލެ ގެނެވިފައިވާ ކަމަށެވެ.

އެހެންކަމުން މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 ފަރާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކައުންސިލްއާއި ގުޅިގެން ކުރަމުން އަންނަ ކަމަށްވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.