ފޭސް 2 ގެ ކަރަންޓު ނެޓްވޯކް އަކީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ ގެ ނެޓްވޯކެއް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ހުރިހާ ކޭބަލެއްވެސް އަޅާފައިވަނީ އެޗްޑީސީން ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވީ، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ބުނީ މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށެވެ.

މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވާކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މިހާރު ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން، ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، އެ ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 3 ހާއިރު އެވެ. އެގޮތުން ކަރަންޓު ކެނޑިފައި ވަނީ ހިޔާގެ ޓަވަރު 1 އިން ފެށިގެން 8 ވަނަ ޓަވަރަށް އަދި ވިނަރެސްގެ ދެ ޓަވަރަކުންނެވެ.

ސްޓެލްކޯއިން މިއަދު މެންދުރު 3:21 ގައި ކުރި ޕޯސްޓެއްގައި ބުނީ "ދިމާވި ޓެކްނިކަލް މައްސަލައަކާ" ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އަދި މައްސަލަ ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ ފަހުން އިރުއޮއްސި 6 ޖެހިރު ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ، ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.އަދި އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މައުލޫމާތުދީފައިވެއެވެ.