ވަގުތީ ގޮތަކަށް ހަނގުރާމަ ހުއްޓުމަކަށް އައިސްފައިވީނަމަވެސް، ކޮމިޓީގެ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ، ވަޒީރުންގެ ހާއްސަ ކޮމިޓީއިން ރައްޔިތުންނަށް ދީފިއެވެ.
އެ ކޮމިޓީއިން މި ޔަގީންކަން ދީފައިވަނީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ކޮމިޓީގެ ޗެއާ އަދި ހާރިޖީ ވަޒީރު، ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ، ކާބޯތަކެއްޗާއި ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސަޕްލައި ޗެއިންތައް ދެމެހެއްޓުމަށާއި، އިގުތިސާދަށް ކުރިމަތިވެދާނޭ ހީނަރުކަމަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މެދުނުކެނޑި މަސައްކަތްކުރަމުން ގެންދާނެކަމުގައެވެ.
މި ކަމާ ގުޅޭ އިތުރު ތަފްޞީލުދެއްވަމުން މާލީ ވަޒީރު، މޫސާ ޒަމީރު ވިދާޅުވީ، ތެލުގެ އަގު އުފުލިފައިވީނަމަވެސް، މިހާތަނަށް ތާވަލުކުރެވިފައިވާ ތެލާއި ކައްކާ ގޭހުގެ ޝިޕްމަންޓްތައް، ދަތިކަމެއްނެތި ލިބޭނޭ މަގު ފަހިވެފައިވާކަމަށެވެ.
މީގެ އިތުރުން އޮމާނުން ތެޔޮލިބުމުގައި ދަތިކަމެއް އަތުވެއްޖެނަމަ، ސިންގަޕޫރުން ތެޔޮ ގަނެވޭނޭ މަގުވެސް ފަހިކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން އެޅުއްވުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަކީ ހަމައެކަނި ފަންޑެޑް ދަތުރުތައް ކަމުގައި ހަމަޖައްސަވައި، ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުންވެސް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވައި އެހެން ހަރަދުތައް ނުކުރުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް ބުރޫ ނާރާނޭ ގޮތަކަށް ކަންކަން އިންތިޒާމުކުރެއްވުމަށް އިސްކަންދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުހައްމަދު ސައީދު ވިދާޅުވީ، މުދާ ކްލިއަރކުރުމުގައި ކުރިމަތިވި ދަތިތައް ހައްލުކުރެއްވުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން ގުޅިގެން، މިދިޔަ ހަފުތާގައި ކުރި މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، އެ މަސައްކަތް އަދިވެސް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ.
މީގެ އިތުރުން، އަސާސީ ބާވަތްތަކުގެ މުދަލާއި އިތުރު 23 ބާވަތެއްގެ މުދާ ގެނައުމަށް ތަފާތު 7 ބާޒާރަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހައްޖުގެ އަޅުކަމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހައްޖާ ގުޅުންހުރި ހުރިހާ އިންތިޒާމުތައް ކުރެވެމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މެއި މަހުގެ 15 ވަނަ ދުވަހު ރާއްޖެއިން ފުރާ ފުރަތަމަ ހައްޖުވެރީން ފުރުމަށް ހަމަޖައްސާފައިވާކަމަށެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ތޯރިގު އިބްރާހީމް ވަނީ، ރާއްޖެ އިޝްތިހާރުކުރުމަށް އެއަރލައިންތަކާ އެކު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުހައްމަދު އަމީން ވަނީ، ކުރިން މެދުކަނޑާލި ބައެއް އުދުހުންތައްވެސް މަދު މަދުން ފެށިފައިވާކަމަށާއި، އައު އެއާލައިންތަކުން ދަތުރު ފަށަން ހަމަޖެހިފައިވާކަމަށާއި، ވައިގެ މަގުން ގެންނަ ކާގޯ ލައިން ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. ސަރުކާރުން އެންމެ އިސް އަހުމިއްޔަތެއް ދެއްވާފައިވާނީ ފްލައިޓުގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި މި ޙާލަތުގައި ލިބޭ ގެއްލުން ކުޑަކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު، ޑރ އަލީ ހައިދަރު އަޙްމަދު ވަނީ، ހަނގުރާމަ ހިނގާ ސަރަހައްދުގައި ތިބި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ދަރިވަރުންނާ މުއާމަލާތްކޮށް، އެ ދަރިވަރުންނަށް ހިރާހެއް ކުރިމަތިވާނަމަ، އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންގެންދާކަން ކަށަވަރުކޮށްދެއްވާފައެވެ.