ހުޅުމާލޭގައި ބިނާކުރުމަށް ތައްޔާރުވަމުންދާ ބޮޑު މިސްކިތުގެ މަޝްރޫއުއާ ގުޅޭގޮތުން މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއާއެކު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެން ފެށުމަށް ނިންމާފައިވާ އިރު، އެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.
މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެއެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައެވެ. މި މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް އިސްލާމީ ވުޒާރާއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
މިސްކިތުގެ ކޮންސެޕްޓް މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ތަފްސީލީ ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި މިހާރު ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި މިސްކިތް ބިނާކުރާނީ ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިން އަދި ޕާކިން ހިމެނޭހެން ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން މިސްކިތުގައި ގުރުއާން މިއުޒިޔަމެއްވެސް ހުންނާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ޑިޒައިނިން މަރުޙަލާއިން ފެށިގެން ހުރިހާ ކަމަކަށް ފަންޑުކުރަނީ މިސްކިތް ބިނާކޮށްދޭ ފަރާތުންނެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަންޑުކުރާ ފަރާތުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.