ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ރައީސް މުޢިއްޒުގެ ދަތުރުފުޅާ ގުޅޭ ގޮތުން ސްރީ ލަންކާގެ މަސްވެރިކަމާ ބެހޭ ވަޒީރު ރާމަލިންގަމް ޗަންދްރަސެކަރް އާއި ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރާ ދެމެދު ޕާލަމެންޓް ކޮމްޕްލެކްސްގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ލަންކާގެ މަސްވެރިކަމާއި ޖަންގަލީ ދިރުންތަކާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ މަސްވެރިކަމުގެ ދާއިރާގައި ދެ ޤައުމު ގުޅިގެން ކުރެވިދާނެ އާ އިންވެސްޓްމެންޓްތަކާ ގުޅޭ ގޮތުންނެވެ.
ވަޒީރު ޗަންދްރަސެކަރް ވަނީ ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަޖުރިބާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އެ ގޮތުން ރާއްޖޭގެ ތާޒާ މަހާއި ސްރީ ލަންކާގެ ދަޅު މަސް އިންޑަސްޓްރީ ގުޅުވައިގެން ބާޒާރަށް އާ ބާވަތްތައް ނެރެވިދާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސްރީ ލަންކާގައި ޕްރޮސެސްކޮށް، ރާއްޖޭގެ ބާޒާރަށް އަމާޒުކޮށް ވެލިއު-އެޑެޑް މަހުގެ ބާވަތްތައް އުފެއްދުމަށް ދެ ފަރާތުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
މިހާރު ސްރީ ލަންކާގައި އުފައްދާ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރަނީ ދުބާއީ ބާޒާރު މެދުވެރިކޮށެވެ. މި ބައްދަލުވުމުގައި ތިންވަނަ ފަރާތެއް މެދުވެރި ނުކޮށް ސީދާ ސްރީ ލަންކާއިން ރާއްޖެއަށް ސަޕްލައިކުރެވޭނެ ގޮތެއް ހެދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތުން ދެ ޤައުމަށް ވެސް ބޮޑެތި އިޤުތިޞާދީ ފައިދާތަކެއް ލިބޭނެ ކަމަށެވެ.