އދ. ދިގުރަށުގައި ބިދޭސީން ތިބި އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ ކަމާބެހޭ އިދާރާތަކުން މައްސަލަ ތަހުގީގު ކުރިތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ރޭ ދަންވަރު 2:00 ހާއިރު ދިގުރަށުގައި ބިދޭސީންތަކެއްގައި ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކްގައިއެވެ. މި ހާދިސާގައި 8 މީހަކު ފިހި، އޭގެ ތެރެއިން ފަސް މީހުން މަރުވިއިރު ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ. އަދި ތިން ވަނަ މީހާއަށް އެ ރަށުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީގައި އެ ބިދޭސީންތައް މަރުވި މައްސަލައިގެ މައުލޫމާތުތައް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދެއްވުމަށް އެދިވަޑައިގަނެފައެވެ.
މައުލޫމާތު ހޯދަން އެދުނު ކަންކަމުގެ ތެރޭގައި، އެމީހުން ދިރިއުޅުނު ގެއަކީ ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނުގައިވާ ގޮތަށް ދީފައިވާ ތަނެއްކަން ސާފުކުރުމާއި، ނިޔާވި ބިދޭސީން ގެ ވޯކްޕާމިޓް އޮންނަތޯ އާއި މަސައްކަތްކުރަމުން ދިޔައީ ކޮން ބައެއްގެ ދަށުންކަން ސާފު ކޮށްދިނުމާއި، އެމީހުން ދިރިއުޅުނު ގެއަކީ އިމާރާތް "އެކްސްޕެޓްރިއޭޓް އެކޮމޮޑޭޝަން" ވިޔަފާރީގެ ހަރަކާތުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއް ނަމަ، އެ މައުލޫމާތު ހޯދުމާއި، އެ އިމާރާތަކީ ބިދޭސީން ބޭތިއްބުމުގެ މިންގަނޑަށް ފެތޭ ތަނެއްކަން ހޯމްލޭންޑް ސެކިއުރިޓީ މިިނިސްޓްރީން ބަލާފައިވޭތޯ ބަލައި އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުން ހިމެނެއެވެ.
މީގެއިތުރުން ބިދޭސީން ދިރިއުޅޭ ބްލޮކްތައް ބެލުމަށް މިނިސްޓްރީން ގެންގުޅޭ އުސޫލު ހޯދުމާއި، އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ތަންތަން ފާހަގަ ކޮށްފައިވޭތޯ ބެލުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހޯދުމާއި، އެ ބިދޭސީންނަށް ވަޒީފާދިން މީހުން، ބިދޭސީން އުޅެން ހަމަޖެއްސި ތަނަކީ ގަވައިދާ އެއްގޮތްވާ ތަނެއްކަން ކަށަވަރުކޮށްފައިވާތޯ ބެލުމާއި، ފުލުހުން ތަހުގީގެއް ހިންގިތޯ އާއި ތަހުގީގެއް ހިންގިނަމަ ހާދިސާ ހިނގައިދިޔަ ސަބަބު ހޯދިއްޖެތޯ އާއި އެއްވެސް ފަރާތަކުން އިހުމާލުވިކަން ފާހަގަވިނަމަ އަމަލުކުރަން ނިންމި ގޮތް ސާފުކުރުމާއި، އެ ބިދޭސީން އުޅުނު އިމާރާތަކީ މީހުން އުޅެން ކައުންސިލުން ހުއްދަ ދޫކޮށްފައި އޮތް އިމާރާތެއްތޯ އާއި ގިނަ ބަޔަކު ދިރިއުޅުމަށް ކައުންސިލުން ހުއްދަ ދޫކޮށްފައި އޮތް ތަނެއްތޯ ބެލުމާއި، އެ އިމާރާތަކީ މީހުން އުޅުން ނުރައްކާތެރި ތަނެއް ކަމަށް ކައުންސިލަށް ފާހަގަކުރެވިފައިވާ ތަނެއްތޯ އާއި ނުވަތަ އެ ތަނުގައި މީހުން އުޅުން ހުއްޓުވުމަށް ކައުންސިލުން މަސައްކަތް ކޮށްފައިވާނަމަ އެ ތަފްސީލު ހާމަކުރުމަށް ވަނީ އެދިފައެވެ.
ދިގުރަށުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތާ ބެހޭގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.